ކ. މާލެ
|
7 އޮކްޓޯބަރ 2021 | ބުރާސްފަތި 11:02
ފަށާއިރުގެ ޝޯވ ގައި ޝާހިދު ވާހަކަފުޅު ދައްކަވަނީ،
ފަށާއިރުގެ ޝޯވ ގައި ޝާހިދު ވާހަކަފުޅު ދައްކަވަނީ،
ރާއްޖެއެމްވީ
އިސްލާމީ ހަޟާރަތްތަކާ އެއްގޮތަށް އަމަލުކުރުން
އިސްލާމީ ހަޟާރަތްތައް ކުރިއަރައިގެން ގޮސްފައިވާ ގޮތަށް އަމަލުނުކޮށް ރާއްޖެ ކުރިއަކަށް ނުދާނެ: ޝާހިދު
 
އިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރަން ޖެހޭ
 
ބޭރުގެ އިލްމު ރާއްޖެއަށް ގެންނަން ޖެހޭ
 
ގައުމު ތަރައްގީކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ

ދުނިޔޭގެ އެކިއެކި ހަޟާރަތްތައް ކުރިއަރައިގެން ގޮސްފައިވަނީ އެހެން ގައުމުތަކުގެ އިލްމު އެގައުމަކަށް ގެނެސްގެން ކަމަށްވާއިރު، އެގޮތަށް ރާއްޖެއިން އަމަލުކުރަން ޖެހޭ ކަމަށް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ ގައުމު ތަރައްގީކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ރާއްޖެ ވަށައި ފަންފުޅައް ޖަހާލައިގެން އެތެރޭގައި ތިބޭ ބައެއްކަމުގައި ވާން ނުޖެހޭ ކަަމަށެވެ. ޝާހިދު ވިދާޅުވީ މިއަދު ދިވެހިންގެ ސިކުނޑިތައް ހުޅުވިފައިވާ ކަމަށާއި، ބޭރުގެ ބަޔަކު ބުނާ އެއްޗެއް އެބުނާ ގޮތަކަށް ގަބޫލުކުރެވިދާނެކަމުގެ ބިރުގައި ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ދިވެހިންނަކީ ގާބިލްބައެއް ކަމަށާއި، ބޭރުގެ މީހުން ދައްކާ ވާހަކައިން ހެވާއި ނުބައި ދެނެގަނެވޭ ކަމަށެވެ. އަދި ސިކުނޑިތައް ފޮރުވައި ތަޅުލަން މިކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށާއި، ދުނިޔޭގެ އެހެން ހަޟާރަތްތައް ކުރިއަރައި ދިޔަ ގޮތްތަކުން ފިލާވަޅު ހޯދައި، އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކިއެކި ހަޟާރަތްތައް ކުރިއަރައިގެން ގޮސްފައިވަނީ އެކި ގައުމުތަކުގައި ހުންނަ އިލްމު ގެނެސްގެން ކަމަށާއި، އިލްމީ ފޮތްތައް އެބައެއްގެ ބަހަށް ތަރުޖަމާކޮށް އިލްމު ފަތުރާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ވެސް ދުނިޔޭގެ ގައުމުތަކުގެ އިލްމު ގެންނަން ޖެހޭ ކަމަށާއި، އިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް މިއަދުގެ ޖީލަށް އުނގަންނައިދޭން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިލްމުގެ ދޮރުތައް ހުޅުވާލައި އިސްލާމީ ހަޟާރަތްތައް ކުރިއަރައިގެން ގޮސްފައިވާ ގޮތަށް އަމަލުނުކޮށް ރާއްޖެ ކުރިއަކަށް ނުދާނެ ކަމަށެވެ.

އިލްމުގެ ދޮރުތައް ހުޅުވާލަންވީ އެހެން ބޮޑެތި އިސްލާމީ ހަޟާރަތްތައް ކުރިއަރައިގެންދިޔައީ. އެނޫން ގޮތަކަށް އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެ. އެހެންވީމަ ދިވެހި ގައުމިއްޔަތުގެ މިވަރުގަދަ ތަނބު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރަންވީ. އެހަނދާންކޮށްދޭންވީ. އެކަމަށް އަޅުގަނޑުމެންގެ ޅަ ދަރިން ވެސް ތައްޔާރުކޮށްދޭންވީ. ޔަގީންކަން ސާބިތުކަން އަޅުގަނޑުމެންގެ ދަރިވަރުންނަށް ދޭންވީ. ތިމަންނައަކީ ހަމަ މީހަކު ބުނާއެއްޗަކަށް ގުޑާނެ މީހެއް ނޫންކަން. ތިމަންނަގެ އެބަ ހުއްޓޭ ގާބިލްކަން ހެވާއި ނުބައި ގައުމިއްޔަތުގެ ގޮތުން ނިންމަން. މިހާތަނަށް ވެސް ދިވެހި ކާބަފައިން ނިންމީ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

ރާއްޖޭގެ ގައުމިއްޔަތެއްގެ ބިންގާ އެޅިގެންދިޔަ ގޮތަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ ގައުމީ ބަޠަލް، އަލްސުލްޠާން އަލްގާޒީ މުހައްމަދު ތަކުރުފާނު އައުޒަމް ރާއްޖެ ޕޯޗުގީޒުންގެ ދަށުން ރާއްޖެ މިނިވަން ކުރެއްވުމާ ހަމައިން ވެސް ރާއްޖެ މަސައްކަތް ކުރަމުންދިޔައީ ބޭރުގެ ގައުމުތަކާ ގުޅިގެން ކަމަށެވެ. އަދި އޭރުގެ މަހާރަދުން ކިޔަވާ ވިދާޅުވުމާއި މިނިވަން ކަމަށް ތައްޔާރުވުމުގައި ވެސް މަސައްކަތްފުޅު ކުރެއްވީ ބޭރުގެ ފަރާތްތަކާ ގުޅިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން މިއަދު ވެސް އެހުރިހާ ކަމެއް ހަނދާން ބަހައްޓާން ޖެހޭ ކަމަށާއި، ރާއްޖެއަކީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާ ގައުމަކަށް ވާންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް