ރާއްޖެއަކީ ދުނިޔެއާ ވަކިވެގެން އުޅެންޖެހޭނެ ބައެއް ކަަމަށް ވަކާލާތު ކުރާ މީހުން އެވަކާލާތު ކުރަނީ ބޮޑުތަކުރުފާނު ރާއްޖޭގައި އުފެއްދެވި ގައުމިއްޔަތާއި ދިމާ އިދިކޮޅަށް ރާއްޖެ ބަލިކަށިކޮށްލުމަށް ކަމަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެފަދަ ވާހަކަތަކަކީ ގަބޫލުކުރަންޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. ގައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނުގެ އަމަލުފުޅުތަކުން މިސާލު ނަންގަވަމުން ޝާހިދު ވިދާޅުވީ ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންކުރުމުގައި ބޮޑުތަކުރުފާނު ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ޚިޔާލާއި އެހީތެރިކަން ހޯއްދެވި ކަމަށެވެ. އެމަހާރަދުން ގައުމިއްޔަތު ބިނާކުރައްވާފައިވަނީ މުހިންމު ގައުމީ އަސާސްތަކުގެ މަތީގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އުތީމު މަހާރަދުން ގައުމިއްޔަތު ބިނާކޮށްދެއްވާފައި އޮތީ ބޭރުގެ ފަރާތްތަކާއި އެކުވެރިވެ އެކަތިގަނޑަކަށްވެ ގުޅުން ބާއްވައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިއަދު ވަކިވެގަތުމަށް ރާއްޖެ ވަށާ ފަންފުޅަފި ޖަހައިގެން ތިބެން ބޭނުންވާ ބަޔަކު ވާހަކަދެއްކިޔަސް ދިވެހިރާއްޖޭގެ ހަގީގީ ގައުމިއްޔަތުގެ ބާނީގެ ޒިކުރާ އާކުރާއިރު ފެނިގެންދަނީ އެމަހާރަދުން އުޅުއްވި އަވައްޓެރި ގައުމުތަކާއެކު އެކުވެރިކަމާއެކު މަސައްކަތް ކުރެއްވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ދިވެހިންގެ ގައުމިއްޔަތު ބިނާވެފައިވަނީ މަލްޓިލެޓްރަލިޒަމް އަށް. އެއީ ބޮޑުތަކުރުފާނުގެ އަސާސް ރާއްޖޭގެ ގައުމިއްތު ބޮޑުތަކުރުފާނު އެކަށައެޅުއްވިއިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެއޮތީ މަލްޓިލެޓްރަލިޒަމް. ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުން. މިއަދު އަޅުގަނޑުމެން މިއިހުތިފަލުކުރަނީ ރާއްޖޭގެ ގައުމީ ދިދަ ދުނިޔޭގެ އެންމެ އިސް ކުރި ބޯއްޓަށް ގެންދެވިފައި އެހުރީ ބޮޑުތަކުރުފާނުގެ މިދެންނެވި އަސާސްތަކުގެ ތެރެއިން ރައީސް ސާލިހު ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން.އަބްދުﷲ ޝާހިދު / އދ ގެ އާންމު މަޖިލީހުގެ ރައީސް
ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތަކީ ބޮޑުތަކުރުފާނުގެ އަސާސްތަކުގެ މަތީގައި ބިނާކުރައްވާފައިވާ ސިޔާސަތެއް ކަމަށެވެ. އދގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަމައަށް ރާއްޖެއަށް ދެވިފައިވަނީ 56 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކާމިޔާބީގެ ފަހަތުގައިވަނީ ރާއްޖޭގެ އެކިއެކި ސަރުކާރުތަކުން ކުރައްވާފައިވާ ބޮޑެތި މަސައްކަތްތައް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް ސާލިހުގެ ޒައާމަތުގައި ކުރައްވަމުން ގެންދަވަނީ ދުނިޔެއާ ގުޅި ލާމެހުމުގެ މަސައްކަތް ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއަކީ ބިކަވެ ބާކީވެ އެކަހެރިވެފައިވާ ގައުމެއްކަމަށް ޝާހިދުވިއެވެ.
އދގެ ސަލާމަތީ މަޖިލީހަށް ހޮވުމަށް މަސައްކަތްކޮށް ބޮޑުތަނުން ބަލިވެފައިވާ ނިކަމެތި ވެފައިވާ ގައުމެއް. އެހެންނަމަވެސް މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެނިންމެވި ނިންމެވުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔެއާ ލާމެހިފައިވުމަށް ބޭނުންވެ އެނިންމެވި ނިންމެވުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިދަ މިއަދު ވިހުރެމުން އެދަނީ ދުނިޔޭގެ އެންމެ އުސް ކުރި ބޯށީގައި. އެއީ ދިވެހި ލޭ ހިނގާ ކޮންމެ ފަރުދެއް ކޮންމެ ރައްޔިތެއް އެކަމަށްޓަކައި ފަހުރުވެރިވާންޖެހޭ ހަގީގަތެއް، އެއީކީ ވަކި މީހަކަށް ލިބޭ ފަޚުރެއްނޫން. އެކަމަކީ އަޅުގަނޑަށް ހަވާލުކުރި މަސައްކަތް ކުރުން ފިޔަވާ އިތުރު އެއްވެސް ކަހަލަ ހައްގު ތައުރީފެއް ލިބުން ހައްގުކަމެއް ނޫން. އެކާމިޔާބީގައި ހިއްސާވަނީ ރައްޔިތުން.އަބްދުﷲ ޝާހިދު / އދ ގެ އާންމު މަޖިލީހުގެ ރައީސް