ސްކޮޑުގައި ހިމެނޭ އެންމެ މޮޅު ކުޅުންތެރިންނާއެކު މެޗު ފަށަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފިއެވެ.
ފާގަސަން މިހެން ބުނިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް އެވެޓަން އާއި ދެކޮޅަށް ކުޅުން މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އަރާފައިވަނީ ބެންޗުންނެވެ. އަދި އެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ފެންނަ ގިނަ ކުޅުންތެރިންތަކެއް ބެންޗުގައި ތިއްބެވެ.
އެ މެޗު ބަލަން ޔޫއެފްސީ ޗެމްޕިއަން ޚަބީބް ނަމަގޮންޑޯވް ދަނޑަށްދިޔައިރު، އޭނާ ވަނީ ފާގަސަންއާ ބައްދަލުކޮށްފައެވެ. ޚަބީބް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯގައި ފާގަސަން ބުނީ މެޗު ފަށަން ވާނީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިންނާއެކު ކަމަށެވެ. ހަބީބް ބުނީ އޭނާއާ ފާގަސަންއާ ދިމާވެ ގިނަ ވާހަކަތަކެއް ދެއްކެވުނު ކަމަށެވެ. އޭގެ ތެރޭގައި މެޗު ފެށުމަށް ދެ ޓީމުން ދަނޑަށް އެރިއިރު، ޔުނައިޓެޑްގެ ތަރި ރޮނާލްޑޯ ބެންޗުން ފެނުމުން އެވެޓަންގެ ސަޕޯޓަރުން އުފާކުރިތަން ފެނުނު ކަމަށް ފާގަސަން ބުނި ކަމަށް ޚަބީބް ބުންޏެވެ.
އެވެޓަން އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރާގައި ރޮނާލްޑޯ ނުހިމެނުމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފާޑުކިޔުންތަކަށް ރައްދުދީ ސޯލްޝެއާ ބުނީ އެ މެޗުގެ ފުރަތަމަ އެގާރާގައި ރޮނާލްޑޯ ނުހިމެނި ސަބަބު ރޮނާލްޑޯއަށް އެނގޭނެ ކަމަށާއި، އަދި އޭނާއާ ރޮނާލްޑޯއާ މެދު މައްސަލައެއް ނެތް ކަމަށެވެ. އަދި ރޮނާލްޑޯއަކީ ޒުވާން ކުޅުންތެރިއެއް ނޫން ކަމަށާއި، ރޮނާލްޑޯއަކީ މިހާރު ފުޓުބޯޅައިގައި ހުރިހާ ކާމިޔާބީއެއް ހާސިލްކޮށްފައިވާ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށެވެ.
12 އަހަރަށްފަހު މިސީޒަނުގައި އަލުން ޔުނައިޓެޑަށް ބަދަލުވެ އުމުރުން 36 އަހަރުގެ ފޯވާޑް އަންނަނީ ތަފާތު މޮޅު ކުޅުމެއް ޔުނައިޓެޑްގައި ދައްކަމުންނެވެ. އެގޮތުން ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ކުޅެދިން ފަސް މެޗުން ހަތަރު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.