ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާ ނޮވަކް ޖޮކޮވިޗްގެ ކޯޗަކަށް ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއެއް ކަމަށްވާ އަންދްރޭ އަގާސީ ހަމަޖައްސައިފިއެވެ.
އެންމެ ގިނައިން ކޯޗުން ބަދަލުކުރާ ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ ޖޮކޮވިޗްގެ ކޯޗަކަށް އަގާސީ ހަމަޖެއްސީ ނިމިގެންދިޔަ އިޓާލިއަން އޯޕަން ފައިނަލުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ.
އިޓާލިއަން އޯޕަން ފައިނަލުގައި ޖޮކޮވިޗް ބަލިވީ އޭނާއަށް އުމުރުން 10 އަހަރު ކުޑަ އަދި ތަޖުރިބާ ގޮތުން ބެލި ނަމަވެސް ޒުވާން ކުޅުންތެރިއެއް ކަމަށްވާ އަލެކްސަންޑާ ޒްވެރެވް އަތުންނެވެ.
އުމުރުން 20 އަހަރުގެ އަލެކްސަންޑާގެ މި ކާމިޔާބުކުރުމާ އެކު އޭނާ ވެފައި ވަނީ ޖޮކޮވިޗަށް ފަހު އޭޓީޕީ މާސްޓާސް މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ.
މި މުބާރާތަށް އައުމުގެ ކުރިންވެސް ޖޮކޮވިޗް ވަނީ އޭނާގެ ކޯޗިން ޓީމުގެ ގިނަ ބަޔަކު ވަކިކޮށްފައެވެ. އެގޮތުން މެޑްރިޑް އޯޕަންގައި ޖޮކޮވިޗްއާ އެކު އެންމެ ގިނަ ދުވަހު މަސައްކަތްކުރި މާރިއަން ވައިޑާ ވެސް ހިމެނެއެވެ.
ޖޮކޮވިޗްގެ ކޯޗަށް އަންދްރޭ އަގާސީ ހަމަޖެއްސިއިރު، މީގެ ކުރިން، މައްޝޫރު ޓެނިސް ކުޅުންތެރިޔާ ޖަރުމަނުގެ ބޮރިސް ބެކަރ ވެސް ވަނީ ޖޮކޮވިޗްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
އަގާސީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސިކަން ޖޮކޮވިޗް އިއުލާންކުރީ އިޓާލިއަން އޯޕަން ފައިނަލަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ޖޮކޮވިޗް ބުނީ އޭނާގެ ކޯޗަކަށް އަގާސީ ވެގެންދިއުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި އަގާސީއާ އެކު އަންނަ އާދިއްތަ ފަށާ ފްރެންޗް އޯޕަންގައި މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ކަމަށް އޭނާ ބުނެއެވެ.
ޖޮކޮވިޗްގެ ކޯޗަކަށް ހަމަޖެއްސި އަގާސީ ޓެނިސް ކުޅުން ހުއްޓާލާފައި ވަނީ 2006 ވަނަ އަހަރުއެވެ. ރިޓަޔަރ ކުރުމާ ހަމައަށް އަގާސީ ވަނީ ހަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފައެވެ.