ހެއްކާ ބެހޭ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ކޯޓުުތަކާއި ޓްރައިބިއުނަލްތައް އަދި ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ތަންތަނަށް ހެކީގެ ބާވަތްތައް ކަނޑައެޅުމުގައި ފަސޭހަތަކެއް ވެގެންދާނެއެވެ. އިންސާފުން ޝަރީއަތް ކޮށްދިނުމުގެ މައިގަނޑު އަސާސް ކަމުގައިވާ ހެކި ހުށަހެޅުމަށްޓަކައި ހެއްކާ ބެހޭ ގާނޫނީ އޮނިގަނޑެއްް އެކުލަވާލުމަކީ މި ބިލުގެ މަގްސަދެކެވެ.
މިހާރު ރާއްޖެއިން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ އުސޫލްތަކާއި، މިހާރު ތަންފީޒު ކުރަމުން ދާ ގާނޫނުތައް މި ބިލާއެކު އުވިގެންދާނެއެވެ.
ބިލުގައިވާ ގޮތުން ހެކި ހުށަހެޅުމަށްޓަކައި، މައިގަނޑު ތިން ބައެއް އޮވެއެވެ. އެގޮތުން ހެކީގެ ވަސީލަތަށް ބަލައި ހެކި ބައި ކުރެވިދާނެއެވެ. ދަރަޖައަށް ބަލައި ހެކި ބައި ކުރުމާއި، ހެކީގެ ގުޅުމަށް ބަލައި ހެކި ބައި ކުރެވިދާނެ ގޮތުގެ ތަފްސީލް ބިލުގައި ވަނީ ހިމަނާފައެވެ.
އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހެކިބަސް ގަބޫލް ކުރެވޭނެ އުސޫލުތަކާއި އަންހެނުންގެ ހެކިބަސް ނެގޭނެ ހާލަތާއި، ނެގޭނެ ގޮތްވެސް ބިލުގައި ހިމަނާފައިވެއެވެ. ހަމަ މިއާއެކު ހެކިވަޒަން ކުރުމުގެ އުސޫލް ވެސް ވަނީ ފާހަގަކޮށްފައެވެ.
އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވާ ހާލަތުގައި ހެކި ހުށަހެޅުމެއްނެތި އެކަން ސާބިތުވާނެ ކަމާއި، އެގޮތަށް ސާބިތުވާނެ ކަންކަން ތަފްސީލް ކޮށްފައިވެއެވެ. ހެކީގެ ގޮތުގައި ހުށަނޭޅޭނެ ކަންކަން ވެސް ބަޔާން ކޮށްފައިވެއެވެ.
ބިލު ހުށަހެޅުމާއެކު އެންމެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައީ ބިލުގައި އޮތް މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާއަށެވެ. ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ، މައްސަލައެއްގެ ޚަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައިއޮތް އާންމު މަސްލަހަތު ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށެވެ.
މިއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. މި މާއްދާ އިސްލާހު ކުރަން ޖެހޭ ކަމަށް އެޓާރނީ ޖެނެރަލް ވެސް ވަނީ ވިދާޅުވެފައެވެ.