ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ބަލިވެ, މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
މިއީ ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 30 މެޗުގެ ތެރެއިން ބަޔާން ބަލިވި ފުރަތަމަ މެޗެވެ. އެގޮތުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަޔާން ބަލިވެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިއީ 2000 ވަނަ އަހަރަށްފަހު ބަޔާން އަތުން ފްރެންކްފަޓް ހޯދި ފުރަތަމަ މޮޅެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބަޔާނުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެއޯން ގޮރެޓްޒްކާއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ފްރެންކްފަޓުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފިލިޕް ކޮސްޓިޗް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން ހިންޓަރެގާއެވެ.
އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ފްރެންކްފަޓުގެ އަލްމަމީ ޓޫރޯއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ބަޔާނުގެ ގޯލްކީޕަރު މަނުއެލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ. އަދި މެޗު ދެވަނަ ހާފުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އޭރިއާ ތެރެއިން އެ ޓީމުުގެ ލެވަންޑޯސްކީ ހުހަށްހުރެ ބޮލުން ފޮނުވާލި ހަމަލާއެއް ފްރެންކްފަޓުގެ ގޯލްކީޕަރު ކެވިން ޓްރެޕް ވަނީ ހުއްޓުވާފައެވެ.
މި މެޗުގައި ފްރެންކްފަޓުން ލީޑު ނަގާފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. އޭރީއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮސްޓިޗެވެ.
މި ނަތީޖާއާއެކުވެސް ތާވަލުގެ އެއްވަނައިގައި އޮތީ ބަޔާނެވެ. އެއްވަނައިގައި އޮތް ބަޔާނާއި ދެވަނައިގައި އޮތް ބަޔާ ލެވަކޫސެނަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މީގެ އިތުރުން ބަޔާން ބަލިކުރި ފްރެންކްފަޓް އޮތީ ތާވަލުގެ 13 ވަނައިގައި ހަތް މެޗުން އަށް ޕޮއިންޓާއެކުއެވެ.