ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ނަން އަޑުނާހާ ދިވެއްސަކު ނުހުންނާނެއެވެ. އެއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ އެންމެ ބޮޑު އަދި އެންމެ ގިނަދުވަސްވީ އެއް ކުންފުންޏެވެ. ކޮލިގޭ މުހައްމަދު އުމަރު މަނިކުގެ ނަން އަޑުނާހާ ދިވެއްސަކު ވެސް ނުހުންނާނެއެވެ. އެއީ ޔުނިވަރސަލް އެންޓަރޕްރައިޒަސް އުފެދުނީއްސުރެ މިހާތަނަށްވެސް އެ ކުންފުނީގެ ޗެއަރމަނެވެ. ޔުނިވަރސަލް ކުންފުންޏަކީ ކޮލިގޭ އާއިލާގެ އަމިއްލަ ވިޔަފާރިއެކެވެ. އެ ވިޔަފާރިއާއި އެ ކުންފުނީގައި ޝާމިލްވާ ވެރީންނަކީ ކޮލިގޭ އާއިލާގެ މެންބަރުންނެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ނުފޫޒުގަދަ އާއިލާއަކީ ދެބަސްވެވެން ނެތްފަދައިން ކޮލިގޭ އާއިލާއެވެ.
މުހައްމަދު އުމަރު މަނިކަކީ ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމާއި މިހިސާބަށް އެ ސިނާއަތު ގެނައުމުގެ މަސައްކަތުގެ އެންމެ އިސް މޭސްތިރިންގެ ތެރެއިން އެއްބޭފުޅެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ އެންމެ އިސް ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ ވުޖޫދުވެގެން އައުމަށްފަހު އެ ޖަމިއްޔާގެ ޗެއަރމަންކަން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ބޭފުޅަކީވެސް މުހައްމަދު އުމަރު މަނިކެވެ. މަޓީގެ ޗެއަރމަންކަން ކުރައްވަމުން ގެންދްވާތާ މިއީ 39 ވަނަ އަހަރެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ އަހަރު 50 އަހަރު ފުރޭއިރު މުހައްމަދު އުމަރު މަނިކު މަޓީގެ ޗެއަރމަންކަން ކުރައްވާތާ 40 އަހަރު ފުރޭނެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހުރިހައި ގޮތަކުންވެސް މުހައްމަދު އުމަރު މަނިކާ ވަނީ ގުޅިފައެވެ. އެ ސިނާއަތުގެ އެންމެ ދުވަސްވީ އެންމެ އުސް އަދި އެންމެ ވަރުގަދަ ތަނބަކީވެސް މުހައްމަދު އުމަރު މަނިކެވެ. ރާއްޖޭގެ ގިނަ ބަޔަކަށް އެނގި ދަސްވެފައިވާ ނަމުންނަމަ ކޮލި މޮހޮދޭއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެމްޔޫ މަނިކެވެ. އެކަމަކު މަދުބަޔަކަށް ނޫނީ މުހައްމަދު އުމަރު މަނިކާމެދު އެނގިފައިނުވާ ކަންތައްތަކެއް ހުރެއެވެ. ކިޔަވައި ވިދާޅުވި ދާއިރާއެވެ. ސަރުކާރުގައި އަދާކުރެއްވި ވަޒީފާއެވެ. ފަތުރުވެރިކަމާއި ގުޅުމެއްނެތް ޝައުގުވެރިކަމުގެ ދާއިރާއެވެ. ފަތުރުވެރިކަމާ ގުޅުމެއް ނެތް މިޒާތުގެ އަދިވެސް ކިތަންމެ ކަމެކެވެ.
މުހައްމަދު އުމަރު މަނިކު ނިސްބަތްވެވަޑައިގަންނަވާ އާއިލާއަކީ ވަރަށް ކުރީއްސުރެވެސް މާލޭގެ އެންމެ ތަނަވަސް އެއް އާއިލާއެވެ. ކޮލިގޭ އުމަރު މަނިކަކީ ރައީސް އަމީނުގެ ދައުރުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާއެވެ. މުހައްމަދު އުމަރު މަނިކުގެ ބޭބޭފުޅު އަލީ އުމަރު މަނިކަކީ ރައީސް ނާސިރުގެ ދައުރުގައި ރާއްޖޭގެ ހުރިހައި ސިނާއަތެއް ބައްޓަން ކުރައްވައި ކޮޅަށް ޖެހުމުގެ އެންމެ އިސް ހިކުމަތްތެރިޔާއެވެ. މުޅި ދެކުނު އޭޝިއާއަށް ބެލި ކަމުގައިވިޔަސް އެންމެ ކުޅަދާނަ ޝިޕިން ޓައިކޫނެވެ. އެހެންކަމުން އެ އާއިލާގެ ހަގަށް ތިއްބެވި ބޭފުޅުން ހިމެނިވަޑައިގެންނެވީ ރާއްޖެއިން ބޭރުގެ އެކި ޔުނިވަރސިޓީތަކުގައި ތައުލީމް ހާސިލް ކުރައްވަން ފުރުސަތު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައެވެ. މިގޮތުން މުހައްމަދު އުމަރު މަނިކަކީވެސް ޔުނިވަރސިޓީ ގްރޭޖުއޭޓެކެވެ. ދަނޑުވެރިކަމާ ބެހޭ އިލްމުގެ ދާއިރާއިން އެންމެ ފުރަތަމަ ޑިގްރީއެއް ހާސިލް ކުރި ދިވެެއްސަކީ މުހައްމަދު އުމަރު މަނިކެވެ.
މުހައްމަދު އުމަރު މަނިކު ސަރުކާރުގައި ވަޒީފާ އަދާކުރެއްވީ ވެސް އިލްމާއި ތަމްރީނު ހޯއްދެވި ދާއިރާގައެވެ. ދަނޑުވެރިކަމުގެ ދާއިރާގައެވެ. ފަތުރުވެރިކަމުގެ ސިނާއަތު ބައްޓަންކުރައްވައި އެ ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވިއިރުވެސް މުހައްމަދު އުމަރު މަނިކަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ވެރިއެކެވެ. ސަރުކާރުގެ ރަސްމީ ހައިސިއްޔަތުން ކުރައްވަމުން ގެންދެވީ ދަނޑުވެރިކަން ޒަމާނީކޮށް ފުޅާކުރެއްވުމުގެ މަސައްކަތެވެ. ގިނަ ދުވަހު ހުންނެވީ އެ މިނިސްޓްރީގެ ނާއިބު ކަމުގައެވެ. އެހެންގޮތަކަށް ދަންނަވަންޏާ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. ރައީސް މައުމޫނުގެ ދައުރުގެ މެދުތެރޭގައި ސަރުކާރުން އަމިއްލަފުޅަށް ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އެކްޓިން މިނިސްޓަރުގެ މަގާމުގައެވެ.
ސަރުކާރުން ރިޓަޔަރ ކުރައްވައި ފުލް ޓައިމްކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރެެއްވިއަސް މިހާރުވެސް މުހައްމަދު އުމަރު މަނިކުގެ ޝައުގުވެރިކަން ދަނޑުވެރިކަމުގެ ދާއިރާއަށް އެބައޮތެވެ. އެ ޝައުގުވެރިކަމަށް ބަދަލެއް ނާދެއެވެ. މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނުގެ ފަރާތުން ސަރުކާރާ ގުޅިވަޑައިގެން ކުރައްވާ އެންމެ އިސް އެއް މަސައްކަތަކީ ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ ތައުލީމީ ދިވެހިން ބިނާކުރުމުގެ މަސައްކަތެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުގައެވެ. އެ މަސައްކަތުގައި މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނަކީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީންވެސް ބަރޯސާކުރާ އެންމެ މުހިއްމު އެއް ބައިވެރިޔާއެވެ.
ދިވެހިރާއްޖެއަށް 1972 ގައި ފަތުރުވެރިކަން ތައާރަފުވީ ކިޔަވައި ވިދާޅުވެގެން މުހައްމަދު އުމަރު މަނިކު އެނބުރި ރާއްޖެ ވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އައު ސިނާއަތު ކުރިއަރުވައި ފުޅާކުރުމަށްޓަކައި އަތުކުރި އޮޅާލި މަދު ދިވެހި ޒުވާނުންގެ ތެރެއިން އެއްބޭފުޅަކީ މުހައްމަދު އުމަރު މަނިކެވެ. އަނެއް ބޭފުޅަކީ ކެރަފާ އަހުމަދު ނަސީމެވެ. ދެން ޗަމްޕާ ހުސައިން އަފީފެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު ކަމަށްވާ ވިހަމަނާފުށި ތަރައްގީ ކުރުމުގައި މިދެންނެވުނު ބޭފުޅުންގެ ތެރެއިންވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ މުހައްމަދު އުމަރު މަނިކެވެ. ވިހަމަނާފުއްޓަކީ މިހާރު އެންމެންނަށް ކުރުނބާ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ރިސޯޓެވެ. ހުޅުލޭ އެއަރޕޯޓާ އެންމެ ގާތުގައި އޮންނަ ރިސޯޓެވެ.
ރާއްޖޭގައި ކަމުގެ ތަޖުރިބާކާރުން ނެތުމާއެކު އެވަގުތެއްގައި ކުރާންޖެހުނު ކޮންމެ ކަމެއް މުހައްމަދު އުމަރު މަނިކު ކުރެއްވިއެވެ. ކެއްކުމުން ފެށިގެން ބާރމަންކަންވެސް ހިމެނޭ ގޮތުންނެވެ. ރިޔަލު ދޯނީގައި މާލެއިން ސަޕްލައި ގެންދިޔުންވެސް ހިމެނޭ ގޮތުންނެވެ. އެދުވަސްވަރު ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ މުއައްސިސުން ފަރުދީ ފެންވަރުގައި ވެވަޑައިގެންނެވި ގުރުބާނީއަކީ މިއަދުގެ ޒުވާނުންނަށް ވިސްނާލަންވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހާވެސް ބޮޑަށް ޒަމާން މިއޮތީ ބަދަލުވެފައެވެ. އެދުވަހު އެބޭފުޅުން ކުރެއްވި މަސައްކަތާއި ނެންގެވި ރިސްކަކީ މިއަދު މިހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން އުފުލިގެން ދިޔުމުގެ ސިއްރެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.