ހުކުރު ދުވަހުން ފެށިގެން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން އެކަނި ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.
ކޮވިޑް-19ގެ ހާލަތުގައި ވެމްކޯއިން ކުނި ނަގާފައިވަނީ ގޭގޭގެ ބޭރުންނެވެ. ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ދޭ ގޮތަށް ވެމްކޯއިން ވަނީ ބަދަލުގެނެސްފައެވެ. ނަމަވެސް އަދިވެސް ބައެއް މީހުން މަގުމައްޗަށް ކުނި ނެރޭތީ ވެމްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން އެންމެފަހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި މި ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭގެއިން ވެސް ކުނި ނަގައިދީފައިވާއިރު، ދެން އެގޮތަށް އެ ޚިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގެ 50 އިންސައްތަ ގޭބިސީން ވެސް މި ޚިދުމަތަށް ރަޖިސްޓްރީކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތު މިމަހުގެ 30ށް ވަނީ ހަމަވެފައެވެ. އެގޮތުން ޖުމްލަ ރަޖިސްޓްރީ ކޮށްފައިވާ އަދަދަކީ 12،765 ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިއީ ނިސްބަތުން މަދު އަދަދެއް ކަމަށް ވެމްކޯއިން ބުނެއެވެ.