ކ. މާލެ
|
30 ސެޕްޓެންބަރ 2021 | ބުރާސްފަތި 18:06
މުޙައްމަދު އަމީން
މުޙައްމަދު އަމީން
ރާއްޖެ އެމްވީ
އަމީންގެ ޝަރީޢަތް
އަމީންގެ މައްސަލަ ކްރިމިނަލް ކޯޓުން މައުޟޫޢީ ގޮތެއްގައި ބަލައިދިނުމަށް ކަނޑައަޅައިދިނުމަށް އެދިއްޖެ
ހައިކޯޓުގެ ހުކުމް ދެމެހެއްޓުމަށް ދިފާޢުން އެދިފައިވޭ
ގާނޫނު މާނަކުރުމުގައި އޮޅުންތަކެއް ހުރިކަން ފާހަގަކުރެވުނު

ޓެރަރިސްޓެއްކަމަށް ބުނާ މުޙައްމަދު އަމީންގެ މައްސަލައަކީ ކްރިމިނަލް ކޯޓުން މައުޟޫޢީ ގޮތުން ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ހައިކޯޓުން ނިންމާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ މި މައްސަލައިގައި ހައިކޯޓުން ނިންމެވި ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ނުކުތާތައް ފަނޑިޔާރުންނަށް ސާފުވާ ވަރަށް ކިޔައިދެއްވިއްޖެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި މައްސަލައިގައި ޚާއްސަ ގާނޫނާއި އާންމު ގާނޫނުގައި ފުށުއަރާ ވަގުތުގައި އަމަލުކުރަންވީ ގޮތް ސުޕްރީމް ކޯޓުން މީގެ ކުރީގެ މައްސަލަތަކުގައި ކިޔައިދެއްވާފައި އެބަހުރި ކަމަށެވެ.

އަދި ޚާއްސަ ގާނޫނާއި އާންމު ގާނޫނު އެއްތަނެއްގައި އޮވެއްޖެނަމަ ސުޕްރީމް ކޯޓުން މީގެކުރިން ނިންމަވާފައިވާ ޤަޟިއްޔާތަކުގައި ނިންމަވާފައިވާ ގޮތަކީ ޚާއްސަ ގާނޫނުގައި އެވާހަކަ އެބައޮތްތޯ ބެލުން ކަމަށާއި، އެ ސުވާލުގެ ޖަވާބަކީ އާއެނކޭ ކަމުގައިވާނަމަ ހާއްސަ ގާނޫނަށް އަމަލުކުރަންވާނެ ކަމަށެވެ. އަދި ނޫން ނަމަ އާންމު ގާނޫނަށް ރުޖޫއަވާން ޖެހޭ ކަމަށެވެ.

އެއީ މި މައްސަލައިގައި މައިގަނޑު ކަނޑައަޅުއްވާފައިވާ އުސޫލަކީ މި މައްސަލައަށް ތަޠުބީޤުކުރާ އިރުގައި ބަންދާ ބެހޭގޮތުން މާއްދާއެއް އޮތްތޯ ނުވަތަ ނޫންތޯ. އޮތިއްޔާ އެ މާއްދާއަކަށްދާނީ. އެއީ 26 ވަނަ މާއްދާއަކީ އެމުނިފައި މާފައްޗެއް ގޮތަށް އޮތް މާއްދާއެއް. ދައުވާ ކުރުމާ ގުޅޭގޮތުންނާއި މުއްދަތު އިތުރު ކުރުމާގުޅޭގޮތުން އޮތީ ކޮން މާއްދާއެއްތޯ ބަލާއިރު 28-1ގައި. އެހެންވީމަ އެ މާއްދާގައި ބުނާ ކުށްތައް ގުނާނީ. އެ މާއްދާގައި ބުނާ ގޮތަށް އަމަލުކުރާނީ. އެ މައްސަލައިގައި އެ ގޮތަށް އަޅުގަނޑުމެން އަމަލުކޮށްފައިވާނެ.
ޕީޖީ ޙުސައިން ޝަމީމް

ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގައި މާނަކުރެއްވުން އެނޫން ގޮތަކަށް މާނަކުރައްވައިގެން ހައިކޯޓުން މައްސަލަ ނިންމަވާފައިވާތީ ހިތްހަމަ ނުޖެހުން މި މައްސަލައިގައި އެބައޮތް ކަމަށެވެ. އަދި އެއީ ދައުލަތުގެ ނުކުތާ ކަމަށާއި، ރަނގަޅު ކުރަން ބޭނުންވާ ކަމަކީ ވެސް އެއީ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ 26 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ބަންދުކުރާނަމަ، ޓެރަރިޒަމްގެ މައްސަލައިގައި ވެސް މީހަކު ބަންދުކުރެވޭނީ 14 ދުވަސް ވަންދެން ކަމަށެވެ. އޭގެ މާނައަކީ އެ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނާ 30 ދުވަހުގެ ވާހަކައާއި 40 ދުވަހުގެ ވާހަކަ ގެނައުމުގެ މާނައެއް ނެތް ކަމަށެވެ. އަދި 26 ވަނަ މާއްދާގެ ހ އާ ހިސާބުން މ އާ ހަމައަށް އެއްވާ ނަތީޖާއެއް އެބަ ނުކުންނަ ކަމަށާއި، 14 ދުވަސް އެކަނި ބަންދުގައި ބެހެއްޓޭނެއޭ ބުނެފިނަމަ 28 ވަނަ މާއްދާގައި ބުނާ އެއްޗަކާއި ދިމާ ނުވާނެ ކަމަށެވެ.

އަދި ދިމާ ނުވާނެ ގޮތަކަށް ގާނޫނު ހައްދަވާފައި އޮންނާނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި، މި ކަންކަމުގެ އަލީގައި މި މައްސަލައަކީ ކްރިމިނަލް ކޯޓުން ބައްލަވާ މައުޟޫޢީ ގޮތުން ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑު އެހުމުގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ވަނީ ދައުލަތާއި ދިފާޢަށް ވެސް ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި ކަމަށެވެ. އެހެންކަމުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނު ހިނގާނެ ކަމަށް ބަލަނީ ކޮން ހަމައަކުންތޯ ފަނޑިޔާރު ސުޢޫދު ސުވާލު އުފެއްދެވިއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ސުވާލުތަކުގެ ޖަވާބުގައި ދިފާޢީ ވަކީލް ޔާމީން ބުނެފައިވަނީ ހައްޔަރު އަމުރުގައި ބުނެފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހައްޔަރު ކުރާކަން ކަމަށާއި، އެހެންކަމުގައި ވާނަމަ އަމީން ބަންދުގައި އިތުރަށް ނުބެހެއްޓޭނެ ކަމަށެވެ.

ދިފާއީ ވަކީލް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު 26 ވަނަ މާއްދާ އޮތްގޮތުން، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން މީހަކު ބަންދުކޮށްފި ނަމަ އެ މީހަކު ބަންދު ކުރުމާއި ދައުވާ ކުރުމުގައި ވެސް ހިނގާނީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނު 28 ވަނަ މާއްދާ އޮތްގޮތުން ނަމަ، އެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހިނގާނީ އެ ގާނޫނުގެ ދަށުން ބަންދު ކުރެވޭ މީހުން އެކަނި ކަމަށެވެ.

ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ 26 ވަނަ މާއްދާ އޮތް ގޮތުން ޖިނާއީ އިޖުރާއާތުގެ ގާނޫނުން ބަންދުކޮށްފިނަމަ އެމީހެއްގެ މައްޗަށް ބަންދާއި ދައުވާ ކުރުމުގެ އިޖުރާއަތްތައް ހިނގަން ވާނީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުން އެ ގާނޫނުގައި އޮތް ދައުވާ ކުރުމުގެ މުއްދަތު ހިނގާނީ އެ ގާނޫނުގެ ދަށުން ބަންދު ކުރެވޭ މީހުންގެ މައްޗަށް އެކަނިކަން ސާފުވާ ކަމަށެވެ. އެހެންވެ އަމީންގެ ފަރާތުން އެދިފައިވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް