ބާސެލޯނާގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކުރުމަކީ ހަލެއް ނޫން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ބުނެފިއެވެ.
ބާސާގެ ކޯޗުގެ މަގާމާ އުމުރުން 58 ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސާގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއުއެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، މި އަހަރުގެ މާޗު މަހު ބާސާގެ އައު ރައީސްގެ މަގާމަށް ޖޮއާން ލަޕޯޓާ ވަނީ އިންތިޚާބުކޮށްފައެވެ.
މި ފަހަކަށް އައިސް ބާސާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. އަދި މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުންވެސް ބާސާ ބަލިވެފައިވާއިރު، މި ދެ މެޗުގައި އެ ޓީމު ކޮޅަށް ވަނީ ހަ ލަނޑު ވަދެފައެވެ.
ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ބެންފީކާ އަތުން 3-0 ގެ ނަތީޖާއަކުން ބާސާ ބަލިވި މެޗަށްފަހު ދިން އިންޓަވިއުއެއްގައި ޑި ޔޮން ބުނީ ކޫމަނާ ދޭތެރޭ ވާހަކަދައްކަން ޖެހޭނީ އޭނާ ނޫން ކަމަށާއި، އެކަމަކު ކޯޗު ވަކިކުރުމުން ހައްލުވާނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު އޮތް ހާލަތުން އަރައިގަތުމަށް ހުރިހާ ކުޅުންތެރިންވެސް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ މެޗަށްފަހު ކޫމަން ބުނީ ބާސާގެ ކުޅުންތެރިންގެ ފަރާތުން އޭނާއަށް ފުރިހަމައަށް އެއްބާރުލުން ލިބޭ ކަމަށާއި، އެކަަމަކު ކުލަބުގެ ވެރިން އޭނާއާ ދޭތެރޭ ދެކޭ ގޮތް ބުނަން ނޭނގޭ ކަމަށެވެ.
ބާސާގައި ކޫމަންގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ކޫމަން މަގާމުން ދުރުކުރަން ބާސާ ބޯޑް މެމްބަރުން އަންނަނީ ލަޕޯޓާއަށް ޕްރެޝަރު ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ބޭއްވި ބޯޑް މެންބަރުންގެ ބައްދަލުވުމެއްގައި ކޫމަން ވަކިކުރަން އެ ބޯޑުގައި ތިބި މެޖޯރިޓީ މެންބަރުން ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ސީޒަން ނިމުމުން ބާސާއާއެކު ކޫމަން ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ކޫމަން މިހާރު މަގާމުން ވަކިކޮށްފިނަމަ އެއްބަސްވުމުގެ މުއްދަތަށް އޭނާއަށް މުސާރަ ދޭން ޖެހޭނެއެވެ. އެހެންކަމުން ކޫމަން ވަކިކުރުމާއެކު ލަޕޯޓާ އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ފަހަކަށް އައިސް ބާސާގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސް، ކޫމަންގެ އިރުޝާދުގެ ދަށުން ބާސާއިން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.