ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުއަށް ފިޔަވަޅު އެޅުމަށް ނިންމާ ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ.
ގާޒީ އަލީ ނަސީރުގެ މައްޗައް ސާބިތުވެފައިވަނީ، އޭނާ ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީ އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމެވުމުން ބެލި ސުލޫކީ މައްސަލައެކެވެ.
މައްސަލަ ސާބިތުވުމުން އަލީ ނަސީރަށް ފިޔަވަޅު އެޅުމުގެ ގޮތުން ޖޭއެސްސީން ނިންމީ އޭނާގެ މަގާމު ދަށްކޮށް އެހެން ކޯޓަކަށް ބަދަލުކުރުމަށެވެ. މިގޮތަށް ޖޭއެސްސީއިން ނިންމާފައިވަނީ ހުރި މަގާމަށް ވުރެ ދަށް ދަރަޖައިގެ މަގާމަކަށް ބަދަލުކުރުމަކީ ފަނޑިޔާރަކަށް އެޅޭނެ ފިޔަވަޅެއް ކަމަށް ޖޭއެސްސީގެ ގާނޫނުގައި އޮތުމުންނެވެ. އެގޮތުން އަލީ ނަސީރުގެ ސުލޫކީ މައްސަލަ ސާބިތުވުމުން އެ ކޮމިޝަނުން މިދިޔަ ހަފްތާގައި ނިންމީ އެ ފިޔަވަޅު އަޅައި މެޖިސްޓްރޭޓު ކޯޓަކަށް ބަދަލުކުރުމަށެވެ.
ތިން ރަށެއް ޖޭއެސްސީއިން އަލީ ނަސީރަށް އިޙުތިޔާރުކުރަން ފުރުސަތު ދިނުމުން އަލީ ނަސީރު އިޙުތިޔާރު ކުރައްވާފައިވަނީ ވ. ފެލިދޫއެވެ.
މިއީ މި ފަދަ ފިޔަވަޅެއް އެޅި ދެވަނަ ފަހަރެވެ. ފުރަތަމަ މި ފިޔަވަޅު އަޅާފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ގާޒީ އަހުމަދު ޝަރީފަށެވެ. ޝަރީފު ބަދަލު ކޮށްފައިވަނީ ޖުވެނައިލް ކޯޓަށެވެ.