ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަން ދެކޮޅު ހެދުމުން އެމެރިކާގެ އެންމެ ވަރުގަދަ އެއް ކުންފުނިކަމުގައިވާ ޔުނައިޓެޑް އެއާލައިންސް އިން 600 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް، ސްކޮޓް ބާކީ ބުނެފައިވަނީ، އަދިވެސް ވަޒީފާ ސަލާމަތް ކުރެވޭނެ ކަމަށާއި އެކަމަށް އޮތް ގޮތަކީ އެންމެ ފަހުގެ ޓާމިނޭޝަން ބައްދަލުވުމުގެ ކުރިން ވެކްސިން ފުރިހަމަކުރުން ކަމަށެވެ. ހަމަ މިއާއެކު އެކުންފުނީގެ 99 އިންސައްތަ މުވައްޒަފުން މިވަގުތު ވެސް ތިބީ ވެކްސިން ފުރިހަމަކޮށްފައި ކަމަށާއި އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަމުންދާ ކަމެއްކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ޔުނައިޓް އެއާލައިންސްއިން އިތުރަށް ބުނީ ކުރިޔަށް އޮތް އަހަރުތަކުގައި 25،000 އެއްހާ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާނޭކަމަށާއި، ވެކްސިން ޖަހާފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނިގެންދާނޭކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެ އެއާލައިންސް ގެ ޕައިލެޓް ޓްރެއިނިންގް ސްކޫލްގައި ތަޢުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުން ވެސް ވެކްސިން ފުރިހަމަ ކުރުން މަޖުބޫރުވާނޭކަމަށެވެ.
ޔުނައިޓެޑް އެއާލައިންސްއަކީ އެމެރިކާގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރަމުންދާ އެންމެ ވަރުގަދަ އެއް އެއާލައިންސްއެވެ.