ކ. މާލެ
|
29 ސެޕްޓެންބަރ 2021 | ބުދަ 13:39
ޕީޕީއެމުން ބޭއްވި ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
ޕީޕީއެމުން ބޭއްވި ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓް
ގަޓު ހުރިއްޔާ ރައީސް ޔާމީނުގެ އިސްތަށިފުޅަށް ފައިން ނާރާ ސާބިތުކަންމަތީ ތިބޭ!
 
ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ރައީސް ޔާމީން ވިދާޅުވި
 
ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ބޭރު މީހުން ފާޑުކިއުމަކީ ރައީސް ޔާމީނަށް ހަޖަމްކުރައްވަން އުނދަގޫފުޅުވާ ކަމެއް

އިދިކޮޅު ޕީޕީއެމް ޕީއެންސީއަކީ ސިޔާސީ ގޮތުން އެކްޓިވް ޕާޓީއެކެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގައި މަގުމައްޗަށް ނުކުމެ އުޅެއެވެ. އެއީ ރާއްޖޭގެ ކަންކަން ރާއްޖެއިން ހައްލު ހޯދުމަށެވެ. ބޭރުގެ ފަރާތްތަކުގެ އެހީއާއި ނުލައި އިދިކޮޅަށް އެކަން ކުރެވޭނެކަމަށް އެފަރާތްތަކަށް ގަބޫލުކުރެވޭތީއެވެ.

ރާއްޖޭގެ ހަފޮޅުން ބޭރުވުމަކީ އިދިކޮޅުން އެހާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ރާއްޖޭގެ ދާޚިލީ ކަންކަމާއި ޝަރުއީ ނިޒާމުގައި ނިންމާ ކަންކަމާއި އަދި އެނޫންވެސް ކަންކަމުގައެވެ. މިއީ ރައީސް ޔާމީންގެ އެއް މޮޓޯއެވެ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންނޭ، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަންކަމުގައި ބަސް ބުނަން ނުޖެހޭނެކަމަށް އަބަދުވެސް އެމަނިކުފާނު ވަކާލާތު ކުރައްވައެވެ. އުއްމީދަކީ އެ ސްޓޭންޑް އަދިވެސް ހިފަހައްޓަވާނެ ކަމަށެވެ. މިހެން ދަންނަވަން މިޖެހެނީ ރައީސް ޔާމީނަކީ ގޮތެއްގައި ހުންނަވާ ބޭފުޅަކަށް ވާތީއެވެ.

ނަމަވެސް އެމަނިކުފާނު އަމިއްލަފުޅަށް އެޅުއްވި ޅަ އެއްޗެއްގެ ސަބަބުން މިއަދު ހަތަރެސްފައި ބަނދެވި ގޭތެރޭގައި އޮންނަވަން ޖެހުނު ދުވަހު އެމަނިކުފާނުގެ ލަޝްކަރު ނުކުމެ އެމަނިކުފާނުގެ ވާހަކަފުޅުތައް ބޮލާލާ ޖަހައިފިއެވެ. އެމަނިކުފާނުގެ މޮޓޯ ފުނޑުފުނޑު ކޮށްލައިފިއެވެ. ތަރައްގީ ކުރި އިންސާނީ ވަސީލަތްތަކާއި އެހެނިގެން ވަސީލަތްތަކުގެ އިތުބާރުވެސް ގެއްލުވާލައިފިއެވެ.

ދައްކަން މިއުޅެނީ ރައީސް ޔާމީން ވިދާޅުވެފައިވާ ވާހަކަފުޅެއްގެ ވާހަކައެވެ. ދިވެހި ސަފީރުންގެ މަހާސިންތާ އިފްތިތާހުކުރުމުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން 19 އެޕްރީލް 2017 ގައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރަކީ އެ ސަރުކާރަށް އިހުތިރާމް ކުރާ ދައުލަތްތަކާއި ގާތްގުޅުމެއް ބާއްވާ ސަރުކާރެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އެދެނީ ކަންކަން ނިންމުމުގައި އެއްވެސް ގައުމެއް އަނެއް ގައުމުގެ ދާޚިލީ ކަންކަމާ ނުބެހުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމަށް މެންބަރުން ގުޅުނު ހަފްލާއެއްގައި 31 ޖެނުއަރީ 2017 ގައި އެމަނިކުފާނު ވިދާޅުވީ އދ. ފަދަ ޖަމިއްޔާތަކުގެ އުސޫލުތަކަށް ތާއީދުކުރާކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން އދ.ގެ ވޯކިން ގްރޫޕުގެ ކޮންމެ ނިންމަކަށް އަމަލުނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުމާ ބެހުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ކަމެއް ނިންމުމުން ދިވެހި ހުރިހާ ރައްޔިތުން އެއަށް ކިޔަމަންތެރިވެ ބޯލަނބާ އެއަށް އަމަލު ކުރުން ލާޒިމް ކަމަށެވެ. މިފަދަ އެތައް މޭރުމަކުން އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ގެންދެވީ ގިނަ ވާހަކަތަކެއް ވިދާޅުވަމުންނެވެ. ބޭރުގެ ގައުމުތަކާއި އޮތް ގުޅުން ކަނޑާލިއެވެ. ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގުޅުން ކަނޑާލިއެވެ. އެއީ ވެރިކަން ބޭނުން ގޮތަކަށް ކުރެއްވުމުގެ ބޭނުމުގައެވެ.

ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ ގައުމަކުން ބެހުމަކީ ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ރުޅިގަދަވާ ކަމެއްގެ ގޮތުގައި އޮތީ ފާހަގަ ކުރެވިފައެވެ. މިގޮތުން ބޭރު ގައުމެއްގެ ސަފީރަކު، އިދިކޮޅު ފަރާތްތަކާ ބައްދަލުކުރުމާ މަޝްވަރާ ކުރުމަކީ ޔާމީނުގެ ސަރުކާރަށް ހަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. އަބަދުވެސް މިއީ ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮންނަނީ ފާހަގަ ކުރެވިފައެވެ. އެއީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި، އެތެރޭގެ ކަންކަމާ ބެހުން ކަމަށް ސަރުކާރުން ފާހަގަ ކުރެއެވެ.

ރައީސް ޔާމީނަށް ކުރައްވާފައިވަނީ ބާތިލް ހުކުމެއް ކަމަށް ބުނެ އޯޑިއޯތަކެއް ހިފައިގެން ދެފައި އެއްތާކު މަޑުނުވެގެން އުޅޭ ކުދިންކޮޅެއް ދާދި ފަހުން ބޭރުގެ ބަޔަކާ ބައްދަލުކޮށް ރާއްޖޭގެ ޚާރިޖީ ކަންކަމާއި މަސްރަހާއި ރައީސް ޔާމީންގެ ޖަލުހުކުމާއި ގުޅިގެން މަޝްވަރާތަކެއް ކުރިއެވެ. ރައީސް ޔާމީންގެ ހުއްދަ ހޯދިކަމެއް އެނގިފައެއް ނެތެވެ. އަދި މިކަން އެނގުނުނަމަ އެމަނިކުފާނު ކޯފާވާނެކަން ކަށަވަރެވެ. އެއީ ބޭރުގެ ބަޔަކަށް ވާތީއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނާއިބު މުންދުއާއި މުހައްމަދު ސައީދާއި ދެބޭފުޅުން ވަނީ އދގެ ރާއްޖޭގެ އޮފީހަށް ވަޑައިގެން ގިނަ މަޝްރާތަކެއް ކުރައްވާފައެވެ. ކޮންމެއަކަސް ރައީސް ޔާމީންގެ ލެގެސީއާއި ޚިލާފުވެވިއްޖެއެވެ. ހަގީގަތުގައިވެސް ރައީސް ޔާމީނުގެ ބޮލަށް ފައިން އެރިއްޖެއެވެ. އެމަނިކުފާނު ރުހިވަޑައި ނުގަންނަވާ ކަމެއް މި ދެބޭފުޅުންނަށް ކުރެވިއްޖެއެވެ. އެއީ ރައީސް ޔާމީން ވިދާޅުވެފައިވާ ރާއްޖޭގެ ޝަރުއީ ކޯޓުން ނިންމާ ކަންކަން ބޭރުގެ ބަޔަކާ ބެއްސީމައެވެ. މަޝްވަރާ ކުރީމައެވެ.

ރައީސް ޔާމީން މީގެކުރިން ވިދާޅުވެފައިވާ ވާހަކަފުޅަކަށް ބަލާލާނަމެވެ. ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް އަމާޒުވާ ފާޑުކިޔުންތަކުގެ ތެރޭގައި އެމަނިކުފާނު ކަންކަމުގައި މަޝްވަރާ ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގަޔާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، މަޝްވަރާ ކުރުމުގައި އެންމެ ބޮޑެތި ތަޖުރިބާތައް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އާދައިގެ ކަންކަމުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި މަޝްވަރާކޮށް ހެދުމަކީ ވަގުތު ގެއްލޭ، ވަރަށް ބޭކާރު ކަމެއް ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި މަޝްވަރާ ނުކުރާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން ވިދާޅުވާ ފަދައިން ކޯޓުގެ ސައްހަ ނިންމުމަކާއިމެދު ދެން ބަޔަކާއި މަޝްވަރާ ކުރުމަކީ ވަގުތު ގެއްލޭ ބޭކާރުކަމެކެވެ.

ކޮމެންޓް