މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ ފައިސާ ވަތް އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.
ޕީޖީން ބުނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިނުވާ ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ ޓްރާންސެކްޝަންއާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ދެންނެވި ކަމަށެވެ. ނަމަވެސް ޚިޔާނާތާ ގުޅިގެން އެސްއޯއެފްގެ މައްޗަށް އެހެނިހެން ދައުވާތައް އުފުލޭ ވަރަށް ހެކި ލިބިފައިވާ ކަަމަށް ޕީޖީން ބުނެއެވެ.
މި ނިންމުމަކީ ޕީޖީ ޙުސައިން ޝަމީމް މަގާމާ ހަވާލުވުމުގެ ކުރިން ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ ކުރީގެ ނިންމުން ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، މިހާރުވެސް ކްރިމިނަލް ކޯޓުގައި، ރ. ފުއްގިރި މައްސަލާގައި, މަނީ ލޯންޑަރކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކުރިއަށްދެއެވެ.
އޭގެއިތުރުންވެސް އެމްއެމްޕީއާރުސީގެ މައްސަލަތަކެއް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންދެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގިނަ އަދަދެއްގެ ފަޅުރަށްތަކަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާއަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޚިނާޔާތްތެރިވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތެއްކަމަށް އޮޑިޓް އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރިނަމަވެސް، އެމްއެމްޕީއާރުސީން ފަޅު ރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެއްކަމަށެވެ.