ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކެރިއަރު ނިންމާލަން ބޭނުންވަނީ ޔުނައިޓެޑުގައި ހުރެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް އޭނާގެ ކުރީގެ ކުލަބު ޔުނައިޓެޑަށް ބަދަލުވެފައެވެ.
ރޮނާލްޑޯ އަލުން ޔުނައިޓެޑާ ގުޅުނުއިރު، ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން ދޫކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑަށް ބަދަލުވީ އޭރު ދުނިޔޭގެ ރިކޯޑު ފީއެއް ކަމަށްވާ 12.24 މިލިޔަން ޕައުންޑަށެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖޯޒީގައި ފެނިގެންދަނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުން ރޮނާލްޑޯ ވަނީ އެ ޓީމާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން ބޭނުންވާނަމަ، އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ފުޓްބޯޅައިން ރިޓަޔާކުރަން ބޭނުންވަނީ ޔުނައިޓެޑުގައި ހުރެގެންނެވެ. އަދި އެއަށްފަހު ޔުނައިޓެޑުގެ ކޯޗިން މަގާމެއް އަދާކުރުމަށް ރޮނާލްޑޯ ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯގެ މަންމަ ޑޮލޯރޭސް އަވިއޭރޯ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ރޮނާލްޑޯ އަލުން އަނބުރާ އޭނާގެ ކުރީގެ ކުލަބު ސްޕޯޓިންއަށް ކުޅޭތަން ބަލަން ބޭނުންވާ ކަމަށް ބުނެފައެވެ.
ނަމަވެސް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ރޮނާލްޑޯ އަލުން އަނބުރާ ސްޕޯޓިންއަށް ބަދަލުނުވާނެ ކަމަށާއި، އަދި އޭނާގެ ކެރިއަރު ޕްލޭނުގައި ޕޯޗުގަލް ނުހިމެނޭ ކަމަށްވެސް ބުނެފައެވެ.
މީގެ ކުރިން ރެއާލާއި ޔުވެންޓަސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅިފައިވާއިރު، އޭނާ އަންނަނީ އެ ޓީމަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޔުނައިޓެޑަށް އަލުން ބަދަލުވެ އެ ޓީމަށް ކުޅެދިން ހަތަރު މެޗުގައި ރޮނާލްޑޯ ވަނީ ހަތަރު ލަނޑު ޖަހާފައެވެ.