ކ. މާލެ
|
27 ސެޕްޓެންބަރ 2021 | ހޯމަ 17:38
ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ސިއްހީ ދާއިރާއަށް މީހުން ބިނާ ކުރުން
ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތަކަށް މެދުރާސްތާގެ ޕްލޭނެއް ހަދަން ޖެހޭ: ނާއިބުރައީސް
ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ދަނީ ތަރައްގީ ކުރެވެމުން
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފައިވޭ
އިދާރީގޮތުން ހިންގުމުގައި ދިމާވާ ދަތިތަކާއި ބަޖެޓް ހޯދުމުގައި ދިމާވާ ދަތިތައް ހިއްސާކޮށްފައިވޭ

ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތްތަކަށް ދުރު ރާސްތާގެ ޕްލޭނާ އެކުއެކީގައި މެދުރާސްތާގެ ޕްލޭނެއް ވެސް ކުރިޔަށް ގެންދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ ހޯމަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނާއިބުރައީސް ފައިސަލް ނަސީމް، ހެލްތް މިނިސްޓްރީގެ އިސްވެރިންނާ ، އެމިނިސްޓްރީގެ ދަށުން ހިނގާ ކައުންސިލްތަކާ ބައްދަލުކުރައްވައި ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަން އަވަހަށް ހައްލުކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުސްތަފާ ލުތުފީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. ޝާހު އަބްދުﷲ މާހިރުގެ އިތުރުން މެޑިކަލް ކައުންސިލާއި، ނަރސިންގ ކައުންސިލާއި، އަދި އެލައިޑް ހެލްތް ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނާއިބްރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީ ކުރަމުންދާ މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ލިބުމުގައި ދިމާވާދަތިތައް ހައްލުކުރުމަށް މަޝްރަވާކޮށްގެން ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމުކަމުގައި ފާހަގަކުރެއްވިއެވެ. ސަރުކާރުން ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ނާއިބުރައީސް ފައިސަލް ވިދާޅުވީ ދުރު ރާސްތާގެ ޕްލޭނާ އެކުއެކީގައި މެދުރާސްތާގެ ޕްލޭނެއް ވެސް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

މެޑިކަލް ކައުންސިލްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ ދަތިތަކާއި ބަޖެޓް ހޯދުމުގައި ދިމާވާ ދަތިތަކެވެ. އެގޮތުން ހުރިހާ ކައުންސިލަކުން ވެސް ވަނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިފައެވެ.

މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ސިއްހީ ދާއިރާއިން މީހުން ބިނާކުރުމާއިއެކު އެދާއިރާގައި ތަމްރީނުވާ މީހުން ވަޒީފާތަކުގައި ހަރުލެއްވުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ސިއްހީ ދާއިރާގެ ތަމްރީނު ތަކަށް ބޭނުންވާ ކުދިން ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެކަންކަމާއި ސްކޫލް ދައުރުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރުމަށް ކުދިން ޝައުގުވެރި ކުރުވުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް