ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި 35 ވަނަ ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް އިން ހޯދައިފިއެވެ.
މާފަންނު ސްޓޭޑިއަމްގެ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ހޯދީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 4 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ސީބީއެލް އިން ގަސްދުކުރީ އުކުމަށެވެ. މެޗުގައި ކުޅެން އަރާ ސިފައިންގެ ކްލަބުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 31.1 އޯވަރުގެ ތެރޭގައި 104 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ކުޅުނީ 20 ލަނޑު ހެދި އަހުމަދު ނީޝަމް އާއި 19 ލަނޑު ހެދި ނަޒުވާން ބަދީއު އަދި 15 ލަނޑު ހެދި އާރިފް ރިޒާ އެވެ.
ޖަވާބުގައި ސީބީއެލް އިން ވަނީ ކުޅެން އަރާ 28.2 އޯވަރުގެ ތެރޭގައި 105 ލަނޑު ހަމަކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި މަހުމޫދު ރިޔާޒާއި 16 ލަނޑު ހެދި އަހުމަދު އިޝްހާގެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސީބީއެލް ސްޕޯރޓްސްގެ މަޙްމޫދު ރިޔާޒެވެ. އެންމެ މޮޅު ހޮވުންތެރިއަކަށް ސީބީއެލްގެ އާދަމް ނާސިފް އުމަރު ހޮވުނު އިރު އެންމެ މޮޅު އުކުންތެރިޔާގެ މަގާމާއި، މޯސްޓް ވެލިއުބަލް ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކޮމެޓްސް ކްލަބްގެ އިބްރާހިމް އަލީއެވެ.