ކ. މާލެ
|
22 މެއި 2017 | ހޯމަ 22:21
ރާއްޖޭގެ އިންޓަނޭޝަނަލް ވޮލީ ރެފްރީ އަހުމަދު ސަލީމް (ކުނޑި ސަލީމް)
ރާއްޖޭގެ އިންޓަނޭޝަނަލް ވޮލީ ރެފްރީ އަހުމަދު ސަލީމް (ކުނޑި ސަލީމް)
ފޭސްބުކް
އަޭވީސީ ވޮލީ މުބާރާތް
އޭވީސީ މުބާރާތުގެ ރެފްރީކަން ކުރުމަށް ކުނޑިބެ ކިރިގިސްތާނަށް
ދެވަނަ ބުރުގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 23 ން 29 އަށް
ކުނޑި ސަލީމަކީ ރާއްޖޭގައި ނަމޫނާ ރެފްރީއެއް

ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިޔަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގެ ދެވަނަ ބުރުގައި ރެފްރީކަން ކުރުމަށް ރާއްޖޭގެ އިންޓަނޭޝަނަލް ވޮލީ ރެފްރީ އަހުމަދު ސަލީމް (ކުނޑި ސަލީމް) ކިރިގިސްތާނަށް ފުރައިފިއެވެ.

 

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ބޯލް ވޯލްޑް ޗެންޕިއަންޝިޕްގެ ދެވަނަ ބުރުގެ ކޮލިފައިން މެޗުތަކުގެ ރެފްރީކަން ކުރުމުގެ ފުރުސަތު ކުނޑި ސަލީމަށް ލިބުނު އިރު، އޭނާއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ރެފްރީއެކެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ މުބާރާތުގައި ތަމްސީލުކުރުމުގެ އިތުރުން މިއަހަރު ރާއްޖޭގައި ބޭއްވި އޭވީސީ މުބާރާތުގައި ވެސް ރެފްރީކަން ކޮށްފައެވެ.

 

މީގެ އިތުރުންވެސް ކުނޑި ސަލީމަކީ ރާއްޖޭގައި ހިންގާ ރެފްރީން ތަމްރީނުކުރުމުގެ އެކި ކޯސްތަކުގައިވެސް ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.

 

ކުނޑި ސަލީމަށް މި ފުރުސަތު ލިބުމާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިފަދަ ފުރުސަތެއް ރާއްޖޭގެ ރެފްރީއަކަށް ލިބިގެން ދިއުމަކީ ރާއްޖޭގެ ވޮލީއަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

 

ލަތީފް ވިދާޅުވީ ކުނޑި ސަލީމަކީ ރާއްޖޭގައި ނަމޫނާ ރެފްރީއެއް ކަމަށާއި އަދި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ އެހެން ރެފްރީންނަށް ވެސް ފުރުސަތުތައް ތަނަވަސްވެފައިވާ މިންވަރު ކަމަށެވެ.

 

ރެފްރީންނަށް ރާއްޖެއިން ބޭރުގައި ރެފްރީކަން ކުރުމަށް އަދިވެސް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވޮލީ ބޯލް އެސޯސިއޭޝަނުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރަމުން ލަތީފް ވިދާޅުވީ ރެފްރީންގެ ފެންވަރު މަތިވެގެން ދިއުމަކީ ރާއްޖޭގެ ވޮލީއަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

މިއީ ރާއްޖޭގެ ރެފްރީއެއް އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގެ 2 ވަނަ ބުރުގައި ރެފްރީކަން ކުރާ ފުރަތަމަ ފަހަރެވެ. އަދި އިންޓަރނޭޝަނަލް މުބާރާތުގައި ރާއްޖޭ ތަމްސީލް ނުކޮށް ރެފްރީކަން ކުރުމަށް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 23 ން 29 އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް