ޖަރުމަން ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން އަލަށް ޕްރޮމޯޓުވި ގްރެއުޓާ ފާޓް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖޯޝުއާ ކިމިޗް ވަނީ ލަނޑެއް ޖަހައި، ބަޔާނުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ބަޔާނަށް މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެ ޓީމުގެ ބެންޖަމިން ޕަވާޑަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ ފާޓުގެ ޖޫލިއަން ގްރީނަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި ބަޔާނުން ވަނީ މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑަކީ ފާޓުގެ ސެބާސްޓިއަން ގްރީސްބެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ފާޓުން ޖެހި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ޓިމޮތީ ޓިލްމަން ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެޑްރިކް އިޓެންއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާނުން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވުލްފްސްބާގަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުން ހޮފެންހެއިމް ބަލިކޮށް ވުލްފްސްބާގަށް ބަޔާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެއެވެ.