އަފްޣާނިސްތާނުގެ ވެރިކަންކުރާ ތާލިބާނުން އެ ގައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރަން އުޅޭކަން އިއުލާންކޮށްފިއެވެ.
ދަ އެސޯސިއޭޓަޑް ޕްރެސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ތާލިބާނުންގެ ލީޑަރު މުއްލާ ނޫރައްދީން ވިދާޅުވީ އަފްޣާނިސްތާނުގެ މުޖުތަމައުގައި ކުށްތަކަށް އަރައިގަންނަ މީހުންނަށް އިސްލާމީ ޝަރީއަތުގެ އޮންނަ ގޮތަށް ރަޖަމުކުރުމާއި އަތް ކެނޑުން ފަދަ ހަރުކަށި އަދަބުތައް ދެވޭނެ ކަމަށެވެ. އަދި ފަހަރެއްގައި މިއަދަބުތައް ދޭނީ އާންމުންގެ ތެރޭގައި ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މުއްލާ ނޫރައްދީން އިންޓަވިއުގައި އިތުރަށް ވިދާޅުވީ އެހެން މީހުން ޤާނޫނުތައް ހަދައިގެން އުޅޭގޮތަށް އެމީހުން ވެސް ފާޑު ނުކިޔާ ކަމަށާއި ތާލިބާނުން ހަދާ ޤާނޫނުތައް އެނގޭނީ އެމީހުންނަށް ކަމަށެވެ. އަދި އެކަމަށް އެއްވެސް ބަޔަކު ފާޑުކިޔައިގެން ނުވާނެ ކަމަށެވެ. ތާލިބާނުން އަމަލު ކުރަނީ އިސްލާމްދީނަށް ކަމަށާއި ޤާނޫނުތައް ވެސް ހަދާނީ ޤުރުއާނުގައި ވާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޤައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރަން އުޅޭކަން ހާމަކޮށްފައިވާއިރު އަފްޣާނިސްތާނުގެ އަންހެނުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް ޔުނިވަރސިޓީތަކަށް ދިޔުމުގެ ފުރުސަތު އޮންނާނެކަމަށާއި ނަމަވެސް ކުލާސްތަކުގައި ތިބެންޖެހޭނީ ފިރިހެނުންނާ ވަކިންކަމަށާއި ލައިގެން ތިބެންޖެހޭނީ އިސްލާމީ ހެދުންކަމަށް، އަލަށް އެކުލަވާލާފައިވާ ޠާލިބާން ސަރުކާރުގެ އައު ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ އަބްދުލް ބާޤީ ހައްޤާނީ ވަނީ ވިދާޅުވެފައެވެ.
އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން އެމެރިކާއިން ތިބުމަށްފަހު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެގައުމުގައި ތިބި އެމެރިކާ އާއި ބޭރު ގައުމުތަކުގެ ފައުޖުތައް ވަނީ ފައިބާފައެވެ. އަދި އަފްޣާނިސްތާނުގައި ވަނީ އަނެއްކާވެސް ޠާލިބާން ސަރުކާރެއް ގާއިމުކޮށްފައެވެ. އަލަށް އެކުލަވާލި ސަރުކާރުގެ ބައެއް މަގާމުތައް ޠާލިބާނުން މިހާރު ހާމަކޮށްފައިވާއިރު ޠާލިބާނުން ބުނެފައިވަނީ ގައުމު ބިނާކުރަން ބޭނުންވަނީ ގައުމުގައި ހުރި އެއްޗަކުން ކަމަށެވެ. އަދި މީގެ 20 އަހަރު ކުރިން ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ގޮތަށް މިފަހަރު ކަންތައްތައް ކުރަން ބޭނުންނުވާކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ އަންހެން ދަރިވަރުންނަށް ވީވަރަކުން ކިޔަވައިދެމުންދާނީ އަންހެން ޓީޗަރުންކަމަށެވެ. އަދި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޠާލިބާންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ދިޔުމާއެކުހެން އަފްޣާނިސްތާނުގެ ކުލާސްރޫމްތަކުގައި ކިޔަވައިދެމުން އަންނަނީ އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިކޮށްގެންނެވެ. ކުލާސްރޫމްތަކުގައި ވަކިން އަންހެން ކުދިންނާއި ފިރިހެން ކުދިން ބައިތިއްބާފައިތިބޭއިރު މެދުން ހުންނަނީ ފޮތި ގަނޑެއް ދަމާފައެވެ.
ހައްޤާނީ ވިދާޅުވީ މި އުސޫލަށް އަފްޣާނިސްތާނުގެ ހުރިހާ ހިސާބެއްގައި ހުންނަ ސްކޫލްތަކުގައި ވެސް އަމަލުކުރަމުންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް މަސްތަކުގައި ކޮލެޖްތަކުގައި ކިޔަވައިދެމުން އަންނަ މާއްދާތައް ވެސް ބަލައި ދިރާސާކުރާނެ ކަމަށް ހައްޤާނީ ވިދާޅުވިއެވެ.