ޔޫރަޕުގެ ގައުމެއް ކަމަށްވާ ނޯވޭގައި ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް އުވާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ހޮނިހިރު ދުވަހުން ފެށިގެން މި ފިޔަވަޅުތައް އުވާލައި، މުޅި ގައުމު ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޯވޭގެ ޕްރައިމް މިނިސްޓަރ އަރނާ ސޮލްބަރގް ވިދާޅުވީ ނޯވޭގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮންނަތާ 561 ދުވަސް ވެފައިވާކަމަށެވެ. މިހާރު މިވަނީ އާންމު ހާލަތަށް އަނބުރާ ރުޖޫއަވެވޭ ހާލަތަށް އައިސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފިޔަވަޅުތައް ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އުވަލެވޭނެ ކަމަށް ސޮލްބަރގް ވިދާޅުވިއެވެ. އާންމު ތަންތަނުގައި އުޅޭއިރު، ގައި ދުރުކަން ބަހައްޓަން ނުޖެހުމާއި، މިފަދަ އިތުރު ފިޔަވަޅުތައް އުވާލުމުން މީގެ ކުރިން ކުރިއަށްގެންގޮސްފައިވާ ހަރަކާތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ކުރިން އުޅުނު ދިރިއުޅުމަށް އަނބުރާ ރުޖޫއަވެވޭނެ ކަމަށް ވިދާޅުވިއެެވެ.
ނޯވޭގެ އާބާދީގެ 76 އިންސައްތަ މީހުން މިހާރު ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. 67 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް އެ ގައުމުގެ ޕްރައިމް މިނިސްޓަރ ވިދާޅުވިއެވެ.
ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޮވިޑް-19ގެ ބަލި ހުރި މީހަކާ ކޮންޓެކްޓު ވެވިއްޖެނަމަ އެކަހެރިވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.