ދުނިޔެ ބަލައިގަންނާނެ ގޮތަށް ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ތަޢާރަފްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓުގެ ނަމުގައި ތައާރަފްކޮށްފައިވާ މިޕާސްޕޯޓު ދޫކުރާނީhttps://covidsafe.gov.mv/ވެބްސައިޓުންނެވެ.
އެޗްޕީއޭން ބުނީ ރާއްޖޭގެ ކޮވިޑްސޭފް ޕޯޓަލް އަކީ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓްކަމުގައެވެ. ކޮވިޑްސޭފް އިން 4 ހާލަތެއް ޑިޖިޓަލް ކޮށް ކަށަވަރު ކޮށްދެއެވެ. އެއީ އެމީހަކު ފުރިހަމަކޮށްފައިވާ ވެކްސިން ޑޯޒާއި އެމީހެއްގެ ކޮވިޑް-19ގެ ސިއްހީ ހާލަތާއި ކަރަންޓީނުގެ ހާލަތު އަދި އެންމެފަހުން އެމީހަކު ހަދާފައިވާ ޕީސީއާރު ޓެސްޓްތަކުގެ ނަތީޖާއެވެ.
އެޗްޕީއޭން ބުނީ މީހެއްގެ މައުލޫމާތު ހަމައެކަނި ފެންނާނީ އެޗްޕީއޭއަށް އެމީހަކު ދީފައިވާ ފޯނުނަންބަރެއް މެދުވެރިކޮށް އެމީހަކު ކަށަވަރުކުރެވިގެންކަމަށެވެ. ނުވަތަ ތިމާގެ ކޯވިޑްސޭފް ގެ ހާލަތު ވަގުތީކޮށް އަމިއްލައަށް ޝެއަރކޮށްގެން ކަމަށެވެ.
މީހެއްގެ ކޮވިޑްސޭފް ހާލަތަކީ ކޮވިޑް-19ގެ ސިއްހީ ހާލަތު އަންގައިދީ އަދި ޑިޖިޓަލްކޮށް ކަށަވަރުކޮއްދޭ ލިޔުމެއް ކަމަށް އެޗްޕީއޭން ބުނެއެވެ. ކޮވިޑްސޭފް އެމްވީ އަކީ މިނިސްޓްރީ އޮފް ހެލްތު، ދިވެހިރާއްޖޭގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ޖެނެރޭޓްކޮށްދޭ ޕޯޓަލްއެވެ. މީގެއިތުރުން އެޗްޕީއޭން ބުނީ މީހެއްގެ ކޮވިޑްސޭފް ހާލަތަށް ބިނާކޮށް ދެވޭ މި ލިއުމަކީ ވަދެ ނިކުތުން ނުވަތަ އަރާ ފޭބުން މަނާ ތަންތަނުގައި ބޭނުން ކުރެވޭނެ ގޮތަށްވެސް ފަރުމާ ކުރެވިފައިވާ ރަސްމީ ލިޔުމެއްކަމުގައެވެ. އަދި ސައްހަ ޑިޖިޓަލް ކޯވިޑްސޭފް ހާލަތު ދެއްކުމުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިތުރު އެއްވެސް ފިޒިކަލް ލިޔުމެއް ބޭނުން ނުވާނެ ކަމަށް އެޗްޕީއޭން ބުނެއެވެ.
މި ވެކްސިން ޕާސްޕޯޓުން އެ މީހަކު ވެކްސިން ފުރިހަމަކޮށްފައިވާވަރު އެނގިގެންދާއިރު ފުރިހަމަކޮށްފައިވާ ވެކްސިންގެ މައުލޫމާތު ވެސް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހައިފައިވާނަމަ އެ މައުލޫމާތު ވެސް ޕާސްޕޯޓުގައި ހިމެނިފައި ހުންނާނެއެވެ. ވެެކްސިން ޕާސްޕޯޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެހެން ގައުމުތަކުން ލިޔުން ދޫކުރި ފަރާތާއި ސޮއިކޮށްފައިވާ ފަރާތް ވެރިފައިކުރާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ނެރޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ނިމިގެންދިޔަ އޮގަސްޓްމަހުގެ 21ވަނަ ދުވަހެވެ. ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ "ކޮވިޑް-19 ދިފާއު" ވެކްސިން ކާޑުން، ކާޑު ދޫކުރި ގައުމު އެނގެން ނެތުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ކާޑު ބަލައިނުގަންނަ ކަމުގެ ޝަކުވާތަކެއް ވަނީ އާންމުވެފައެވެ.