އޯޑިއޯތަކުގެ ތަހުގީގު ހިންގަން ބޭނުންވާނި ބޭރު ބަޔަކު ލައްވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.
ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އެދި އިދިކޮޅު ކޯލިޝަނުން ވަނީ ބުރާސްފަތި ދުވަހު ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް، ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އޯޑިއޯތަކުގެ ތަހުގީގު ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ތަހުގީގެއް ބަލައި ނުގަނެވޭނެ ކަމަށާއި، ބޭނުންވަނީ ބޭރުގެ ބަޔަކާ ހަވާލުކޮށްގެން މިނިވަން ތަހުގީގެއް ހިންގުމަށް ކަމަށެވެ.
އަދުރޭ ވިދާޅުވީ އޯޑިއޯތަކުގެ ތަހުގީގު ނުނިމެނީސް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ދަށު ކޯޓުތަކާ އެއްކޮޅަށް ނިމިއްޖެ ނަމަ، އަދި ފަނޑިޔާރުންގެ އޯޑިއޯތަކުގެ ސައްހަކަން އޭގެ ފަހުން ކަށަވަރު ވެއްޖެނަމަ އެއީ ރައީސް ޔާމީނަށް އިތުރަށް ލިބޭ ބޭއިންސާފަކަށް ވެގެންދާނެ ކަމަށެވެ. އެހެންކަމުން އޯޑިއޯ ތަކުގެ ތަހުގީގު އަވަށް ކުރަން ޖެހޭ ކަމަށެވެ.
އަދުރޭ ވިދާޅުވީ، ދެވަނަ ފަރާތެއްގެ އެހީތެރިކަމާ އެކީގައި، ބޭރުގެ ބައިނަލްއަގުވާމީ ތަހުލީލު ކުރުމުގެ ގާބިލުކަން ހުރި ފަރާތެއް ބޭނުންކޮށްގެން ތަހުގީގުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި ކަމަށެވެ. އަމިއްލަ ފަރާތެއްގެ އެހީގައި މިހާރު ކުރަމުންދާ ތަހުގީގު ތިން ދުވަހާއި ފަސް ދުވަހާ ދޭތެރޭގައި ނިމޭނެ ކަމަށާއި، ބޭރު ފަރާތެއްގެ އެހީ ހޯދާނަމަ ތަހުގީގު ދިގުދެމިގެންދާނެ ކަމަށް ޗީޕީ ވިދާޅުވެފައިވާ ކަން އަދުރޭ ފާހަގަކުރެއްވިއެވެ.
ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާ ވެސް ބައްދަލުކޮށް ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.