ކ. މާލެ
|
23 ސެޕްޓެންބަރ 2021 | ބުރާސްފަތި 00:40
ހަވީރުގެ ވަގުތު، ރަސްފަންނު ސަރަހައްދު
ހަވީރުގެ ވަގުތު، ރަސްފަންނު ސަރަހައްދު
އަތޫފް އާތިފް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ބުދަ ދުވަހު ޕޮޒިޓިވްވީ 142 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 42 މީހުން
އަތޮޅުތެރެއިން 88 މީހުން ޕޮޒިޓިވްވެފައިވޭ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 142 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،155 މީހުން ބައްޔަށް ޓެސްޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 142 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 42 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 88 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންނެވެ.

އިތުރު 142 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84،017ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 1،674ށް އަރާފައިވެއެވެ. އޭގެ ތެރެއިން 20 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 229 މީހުން ނިޔާވެފައިވާއިރު، 82،101 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.


Advertisement
- ކޮމެންޓް