ކ. މާލެ
|
22 ސެޕްޓެންބަރ 2021 | ބުދަ 17:55
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރާއްޖެއެމްވީ
އާންމު މަޖިލީހުގައި ރައީސްގެ ތަގުރީރު
"އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ"
 
އދ. ގެ އާންމު މަޖިލީހުގައި ރައީސް ސާލިހުގެ ތަގުރީރު ކުރިއަށް ގެންދެވީ މުޅިންވެސް ދިވެހި ބަހުން

"އަސަރަކާއި އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް، އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ"

ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ބަހާއޭ ބުނެ އުޅެއެވެ. ދިވެހިންގެ އަމިއްލަވަންތަކަމާއި، ޚާސިއްޔަތު ދައްކުވައިދޭ އެކައްޗަކީ ދިވެހިންގެ މާދަރީ ދިވެހި ބަހޭ ބުނެ އުޅެއެވެ. ބަސް ދަސްކުރުމާއި، ބަހަށް ފަރިތަކުރުވުމަކީ ސުކޫލު ދައުރުން ފެށިގެން ތައުލީމީ މަންހަޖުގައި ވެސް ޚާއްސަ އިސްކަމެއްދީގެން ކުރާ ކަމެކެވެ. މީހަކަށް އެނގޭ ބަހަކުން އެއްޗެއް ކިޔައި ދިނުމުން އެ އެއްޗެއް ގޮސް ވަންނަނީ ސީދާ ސިކުނޑިއަށް ކަމަށާއި، ނަމަވެސް އެމީހެއްގެ މާދަރީ ބަހުން ކިޔައިދޭ އެއްޗެއްގެ އަސަރު ސީދާ ކުރާނީ އެމީހެއްގެ ހިތަށް ކަމަށް މިއީ ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ މާނަފުން ބަސްކޮޅެކެވެ. އަމިއްލަ މާދަރީ ބަހުގެ މުހިއްމުކަން ރަމްޒުކޮށްދޭ ކުޑަ މިސާލެކެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ބަހުން ތަގުރީރު ކުރެއްވުން ވެގެން މިދިޔައީ މި ދިވެހި ފަސްގަނޑަށް އުފަން، ދިވެހި ދަރިޔެއްގެ ހައިސިއްޔަތުން، ކޮންމެ މީހެއްގެ ހިތަށް ވެސް ނުހަނު އުފާވެރިކަން ގެނުވި ކަމަކަށެވެ. މުޅި ރާއްޖޭގެ ތާރީޚުގައި ވެސް މިދުވަސް މިވަނީ ބޮޑު އަކުރުން ފަވާލެވި ބިންވަޅު ނެގިފައެވެ. އދ. ގެ އާންމު މަޖިލީހުގައި އަލަށް ދިވެހި ބަހުން ތަގުރީރު ކުރެއްވި ވެރިޔަކަށް ވެގެން މިދިޔައީ ރައީސް ސާލިހެވެ. ރިޔާސަތުގައި އިންނެވީ ވެސް ދިވެހި ދަރިއެކެވެ. މިއީ ވެސް މި ކުޑަ ރާއްޖެއަށް ލިބުނު ނުހަނު ބޮޑު ކާމިޔާބީއެކެވެ. އެ ރިޔާސަތުގެ މޭޒުން ވެސް ރައީސް ސާލިހު ތަގުރީރު ކުރައްވަން ދައުވަތު ދެއްވީ ހަމަ ދިވެހި ބަހުންނެވެ. ރައީސް ތަގުރީރުކޮށް ނިންމަވާލެއްވުމުން، ޝުކުރު ވެސް އަދާ ކުރެއްވީ ވެސް ހަމަ ދިވެހި ބަހުންނެވެ.

ރައީސްގެ ތަގުރީރު ވެސް ހަމައެހާމެ ފުރިހަމައެވެ. އދ. ގައި ރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރުނު ދުވަހު އާއްމު މަޖިލީހުގައި ހުންނަވައިގެން ރައީސް ކުރެއްވި ތަގުރީރުގައި ވިދާޅުވީ، ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތު އަދި އެކަމުގެކުފޫ ދިވެހިންގެ ކިބައިގައި ހަމަވޭތޯ، ނުވަތަ ނޫންތޯ މީގެ 56 އަހަރު ކުރިން ސުވާލު އުފެއްދި ކަމަށެވެ.

ނަމަވެސް އޭގެ 56 އަހަރުފަހުން މިއަދު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވައިގެން އާއްމު މަޖިލީހުގެ ރިޔާސަތާ މުޚާތަބްކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ  ދިވެހިންގެ މާދަރީ ބަހުން ކަމަށާއި، އަދި އެއީ ދިވެހީންނަށް އަސަރުގަދަ އަދި އެންމެފޮނި ބަހަކަށްވި ދިވެހި ބަހަށްވުމުގެ އިތުރުން މިއަދު އެމަޖިލިހުގެ ރިޔާސަތަށް އެންމެ ފަހި، ފަސޭހަ އަދި ފަރިތަ ބަހުން ކަމުގައި ވިދާޅުވިއެވެ.

މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު ކަމަށާއި، މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާ މަތިވެރި ޝަރަފެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ބަހާ މެދު ފަޚުރުވެރިވާން ޖެހޭ ސަބަބުތައް މަދެއް ނޫނެވެ. އަމިއްލަ ބަހަކަށް ވުމުގެ އިތުރުުން، އަމިއްލަ އަކުރެއް ވެސް ލިބިގެންވާ މި ބަހަކީ މުއްސަނދި ބަސްކޮށާރެއް ލިބިގެންވާ އެއްޗެއްކަން މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އޭގެ މިސާލެއްގެ ގޮތުން ކުޑައިރުން ފެށިގެން އަބަދުވެސް އަޑުއަހާ އުޅޭ ވާހަކައެއް ހިއްސާކޮށްލާނަމެވެ. އިނގިރޭސި ބަހުން މުއާމަލާތު ކުރާ މީހަކަށް ރުކެއްގެ ދަށުގައި މަޑުކޮށްލުމުން ފެންނާނީ ހުސް "ކޮކޮނަޓް" ކަމެވެ. ނަމަވެސް ދިވެހި ބަހުން ބުނެދޭއިރު މިރި، ގޮބޮޅި، ކާށިން ފެށިގެން ގޮސް، ގަބުޅި، ކުރޮޅި މިއީ ހަމަ ކުޑަ މިންވަރެކެވެ.

ކޮންމެއަކަސް، ކޮންމެ ބައެއްގެވެސް އަމިއްލަ އާދަކާދަތަކާއި ސަގާފަތްތަކަކީ ގައުމެއްގެ ހައިސިއްޔަތުން މުހިއްމު ބަހާތަކެކެވެ. ރައްކާކޮށް، ދަމަހައްޓަންޖެހޭ ޖަވާހިރުތަކެކެވެ. ދިވެހިބަސް ވެސް އެފަދައެވެ. ދިވެހި ބަހެއް ނޫނެވެ. ފަޚުރުވެރި ދިވެހި ބަހެވެ. އދ ގެ އާއްމު މަޖިލީހުގެ ޕޯޑިއަމުންނާއި ރިޔާސަތުގެ މޭޒުން އެއްފަހަރާ ދިވެހިންގެ އަސަރުގަދަ ދިވެހި ބަހުގެ އަސަރު ފާޅުވެގެން އެދިޔަ ދިޔުމަކީ މިރާއްޖޭގެ ތާރީޚުގައި އަބަދުވެސް ފާހަގަ ކުރެވެމުންދާނޭ ކަމެކެވެ. އަނދާން އައުކުރަމުން ގެންދާނޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް