ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުއޫރުތަކާއި، ކުރި އިހުތިޖާޖުތަކާއެކު ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެހެންނަމަވެސް މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، އެ ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން، ސިވިލް ސަރވިސް މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހަރަކާތްތެރިވަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. މިގޮތުން "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައިމިހާރު ހަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށާއި، މިފަދައިން ވަކި ބަޔަކު ނޭނގޭގޮތަށް ހިންގާ ހަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން އަމަލުނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށާއި، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައިވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.
އިހުތިޖާޖާ ގުޅޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، އިހުތިޖާޖާ ގުޅޭ މައުލޫމާތު ލިބުނީ މީޑިއާއިން ކަމަށެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ކޮމިޝަންގެ ރައީސާއި ހިއްސާ ކޮށްފައިނުވާކަމަށް ވެސް ވިދާޅުވިއެވެ.