މަޝްހޫރު ރެސްލިން ތެޅުންތެރިޔާ އަދި އެކްޓަރު ޑްވޭން ޖޯންސަން (ދަ ރޮކް) 2020 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ކުރިމަތި ލުމަށް ވިސްނާ ކަމަށް ބުނެފިއެވެ.
ސަޓަޑޭ ނައިޓް ލައިވްގެ ސީޒަން ފިނާލޭގައި ވާހަކަ ދައްކަމުން ރޮކް ބުނީ އޭނާ ރައީސްކަމަށް ކުރިމަތިލުމަށް ވިސްނާތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި 2020 ގައި ރައީސްކަމަށް ކުރިމަތިލުމުގެ ވިސްނުން އެބަހުރިކަމަށެވެ. އޭނާވަނީ ނައިބް ރައީސްކަމަށް އޭނާއާއި އެކު ކުރިމަތި ލާނީ ޓޮމް ހޭންކްސްކަމަށްވެސް ބުނެފައެވެ. ރޮކް ބުނީ އޭނާ ވެރިކަމަށް ކުރިމަތިލާން ތައްޔާރުވެފައިވާކަމަށެވެ.
ރޮކް އެމެރިކާގެ ރައީސްކަމަށް ކުރިމަތިލާނޭކަން އިއުލާންކޮށްފައިވާއިރު އެމެރިކާގެ އެހެން ދެ މަޝްހޫރު ތަރިންވެސް ވަނީ 2020 ގައި ރައީސްކަމަށް ކުރިމަތިލާނެކަމަށް ބުނެފައެވެ. އެއީ މަޝްހޫރު އެކްޓަރު ލިންޑްސީ ލޯހަން އަދި ރެޕް އާޓިސްޓް ކާންޔޭ ވެސްޓެވެ. ރޮކް ބުނީ އެމެރިކާ ރައްޔިތުން ބޭނުންވަނީ އެމީހުންނަށް އަޅާލައި، އެހީވާ ލީޑަރެއް ކަމަށާއި ވަރަށް ހިތްވަރުގަދަ ލީޑަރެއްކަމަށެވެ.
ރޮކް އެންމެ ފަހުން ކުޅެފައިވަނީ "ބޭވޮޗް" އެވެ. އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި މޭމަހުގެ 25 ވަނަ ދުވަހުއެވެ. އުމުރުން 44 އަހަރުގެ ރޮކް އެންމެ ފުރަތަމަ ކުޅެފައިވަނީ 1999 ވަނަ އަހަރު ނިކުތް "ބިޔޯންޑް ދަ މެޓް"އެވެ.