ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ޖެހި ދެ ލަނޑާއެކު ޔޫނިއަން ބާލިން އަތުން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޑޯޓްމުންޑުންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ގަރޭރޯއެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ތޯމަސް މޮނިއޭ ނަގައިދިން ހުރަހަކުން ހާލަންޑް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ޑޯޓްމުންޑުން ޖެހި ތިންވަނަ ލަނޑަކީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޔޫނިއަން ބާލިންގެ މާވިން ފްރެޑްރިކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން މެކްސް ކްރޫސް ވަނީ ލަނޑެއް ޖަހައި ޔޫނިއަން ބާލިންއަށް އުއްމީދު އާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޔޫނިއަން ބާލިންގެ ކެވިން ބެހްރެންސްއަށް ޑޯޓްމުންޑުގެ އެކްސެލް ވިޓްސެލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އަދި މެޗު ނިމެން ނުދަ މިނެޓަށް ވެފައި ވަނިކޮށް ކޯނަރަކުން އަންދްރެއަސް ވޯލްސާމާ ވަނީ ލަނޑެއް ޖަހައި، ޔޫނިއަން ބާލިންއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޑޯޓްމުންޑުން އަލުން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ.
މި މޮޅާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ދެވަނައިގައި އޮތް ވުލްފްސްބާގަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފައެވެ. އަދި ޑޯޓްމުންޑް އަތުން ބަލިވި ޔޫނިއަން ބާލިން އޮތީ ތާވަލުގެ އަށްވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ.