ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ބޭރުގެ ގައުމުތަކަށް ކުރާ ދަތުރުތަކަކީ އިސްރާފެއް ނޫން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މެމްބަރު ވިދާޅުވީ, ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ކާމިޔާބު ކަމަށާއި، ދުނިޔޭގެ ގައުމުތަކުން މިހާރު ރާއްޖެ ބަލައިގެންފައިވާކަމަށެވެ. އަދި ދޭދޭ ގައުމުތަކާ ގުޅުން ބަދަހިވެ މުޅި ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ލިބިފައިވާ ކަމަށާއި، ގިނަ ގައުމުތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
އދ.ގައި ކުރިއަށް ގެންދާ ސެޝަންތަކުގައި ރާއްޖެއިން ވަފުދުތައް ދިއުމަކީ އިސްރާފެއްކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވީ އެއީ އިސްރާފެއް ނޫން ކަމަށާއި، އިންވެސްޓް ކުރުމުން އޭގެ ބަދަލު ލިބޭ ކަމަށެވެ. އެގޮތުން އެންމެ ގައުމެއްގެ ވެރިންނާއެކު ވެސް ބޭއްވޭ މަޝްވަރާގެ ބައްދަލުވުމުގެ ތެރެއިން އެހީގެ ގޮތުގައި ރާއްޖެއަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.
އިންވެސްޓު ކުރަނީ އޭގެ ރިޓަރން ހޯދަން. ރިސޯޓު ހަދާ މީހާ ރިސޯޓު ހަދަން 40 ނުވަތަ 50 މިލިއަން ޑޮލަރު ހޭދަކުރަނީ އޭގެ ރިޓަރން އަންނާނެ ކަމުގެ ޔަގީންކަމާއެކު. އެ ހޯދަން. އަގުބޮޑު ސިޓީއެއްގައި ތިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިސްރާފެއް ނޫން. އެއީ ކުރަންވެސް ޖެހޭ ކަމެއް. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގައުމު ތަމްސީލު ކުރުމަކީ އެއީ ކުރަން ޖެހޭ ކަމެއް. އެކަމަށް ޚަރަދެއް ހިނގާނެ. އަޅުގަނޑު ގަބޫލުކުރަނީ އެކުރާ ޚަރަދުގެ އެތައް ގުނައެއް ލިބޭ އެކަމުގެ ސަބަބުންބާރަށު ދާއިރާގެ މެމްބަރު އަޙުމަދު ޢަބްދުﷲ
މެމްބަރު ވިދާޅުވީ ގައުމު ތަމްސީލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިސަރުކާރުން މިހާރު ވެސް ރާއްޖެ ވަރަށް ބޮޑަށް ތަމްސީލުކުރާ ކަމަށެވެ. އަދި ގައުމުތަކާ އެކަހެރިވުމުގެ ހިތި ނަތީޖާ ރާއްޖޭގެ ރައްޔިތުން ދެކެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ ދާއިރާއަކުން ވެސް ދަތިތަކާއި ކުރިމަތިވިކަން މެމްބަރު ފާހަގަކުރެއްވިއެވެ.