ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކަމުގައިވާ ފިޔަވަތިން ކުއްޖަކު އެމްބިއުލަންސްއަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައީ ހަމަނުޖެހުމެއް ހިގައިގެނެއް ނޫން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވީ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ކުއްޖާއާ ފިޔަވަތީގެ ހާދިސާއާ ގުޅުމެއް ނެތް ކަމަށާއި، އެފަދަ ހާދިސާއެއް އާދިއްތަ ދުވަހު ހިނގާފައިނުވާ ކަމަށެވެ.
ފިޔަވަތިން ކުއްޖަކު އެމްބިއުލަންސަށް ލައިގެން ގެންދާ ވީޑިއޯއެއް އާއްމުވެފައިވާއިރު، ޖެންޑާ މިނިސްޓްރީން ބުނީ ފިޔަވަތީގައި އެއްވެސް ''ހަމަނުޖެހުމެއް'' ހިންގާފައި ނުވާ ކަމަށެވެ. އެމްބިއުލަންސްގައި ގެންދާ ކުއްޖާ އަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއްކަމުން ފަރުވާހޯދުމަށް ހޮސްޕިޓަލަށް ގެންދެވޭ މަންޒަރުކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކުދިންނާއި ގުޅޭ މިފަދަ ޚާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރާއިރު، މައުލޫތުގެ ސައްހަކަން ކަށަވަރުކުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
ހުކުރު ދުވަހުގެ ރޭ ގެ ވަގުތެއްގައި ފިޔަވަތީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހުވެސް އެތަނުގައި ބަލަހައްޓާ ކުދިންތަކެއް ތަނުގެ ފުރާޅުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ފިޔަވަތީގެ ކުޑަދޮރުތަކަށް ކުދިން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފައެވެ. މިކަންކަން ހިނގަމުންދަނިކޮށް ހުކުރު ދުވަހުގެ ރޭ އަލިފާން ރޯކޮށްލި ހާދިސާގައި ފިޔަވަތީގެ މައްސަލަ ވަނީ ހޫނުވެފައެވެ.
މައްސަލަ ހޫނުވެފައިވަނިކޮށް ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާދިސާގައި ހިމެނޭ ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ވަނީ ފަށާފައި ކަމަށެވެ. އަދި މިވަގުތުވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެސަރަހައްދަށް އެއްވެ ކުދިން އުޅޭގޮތް ނުބެލުމަށާއި އެކަމުގެ ސަބަބުން ކުދިން އިތުރަށް ހަލަނި ވެދާނެކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން، ހުރިހާފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށާއި ޖެންޑަރ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.