ސުނީލް ޝެޓީގެ ފިރިހެން ދަރިފުޅުގެ ފުރަތަމަ ފިލްމު ޑިސެމްބަރު މަހު ނިކުންނާނެ ކަމަށް އޭނާ ބުނެފިއެވެ.
ސުނިލް ބުނީ އޭނާގެ ދަރިފުޅު އަހާން މިހާރު ދަނީ ލަންޑަނުގައި އެކްޓުކުރުމަށް ޓްރެއިނިން ހަދާ ދަސްކުރަމުން ކަމަށެވެ.
އަހާންގެ ފުރަތަމަ ފިލްމުގެ ޕްރޮޑިއުސަރަކީ ބޮލީވުޑްގެ އެންމެ މޮޅު ޕްރޮޑިއުސަރު ކަމަށްވާ ސާޖިދު ނަދިއަދްވާލާ ކަމަށް އޭނާ ބުންޏެވެ.
އުމުރުން 21 އަހަރުގެ އަހާން އަށް މިދާއިރާގައި ކުރިއަށްދެވޭނެކަން އެނގޭނީ އޭނާގެ ހުނަރު ދައްކާ ގޮތުން ކަމަށް ސުނިލް ބުނެފައި ވެއެވެ. އަހާންގެ ދައްތަ އާތިޔާ ވެސް ވަނީ ބޮލީވުޑްގެ ފިލްމަކުން ފެނިފައެވެ. އާތިޔާ ބޮލީވުޑަށް ނެރެދިނީ ސަލްމާން ޚާންއެވެ.
މީގެ ކުރިން އަޑުތައް އަރާފައިވަނީ އަހާން ބޮލީވުޑަށް ނެރޭނީ އޭނާގެ ދައްތަ ވެސް ނެރެދިން ސަލްމާން ޚާން ކަމަށެވެ. އެހެން ނަމެވެސް ފަހުން ވަނީ އަހާން ބޮލީވުޑަށް ތައާރަފު ވާނީ ސާޖިދް ކަމަށާއި އޭނާ ނެރޭ އެކްޝަން ރޮމޭންސް ފިލްމަކުންކަން ޔަގީންވެފައެވެ.
އަހާން އަލަށް ބޮލީވުޑަށް ނިކުންނަ އަޑު އެރުމާއެކު އޭނާ އަށް ތައުރީފު ކުރަމުން ކަރަންޖޯހަރު ބުނެފައި ވަނީ އަހާން އަކީ އަރަން ތައްޔާރުވެފައި އިން ތަރިއެއް ކަމަށެވެ.