އދ. ގެ އާންމު މަޖިލީހުން މި ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަށާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް އެ މަޖިލީހުގެ ރައީސްކަމާ ދާދި ފަހުން ހަވާލުވެވަޑައިގަތް, ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އޮފީހަށް ވަޑައިގެންނެވުމަށްފަހު އަރަބް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުގައި ޝާހިދު ވިދާޅުވީ އެންމެން އެކުގައި ކުރާ މަސައްކަތުން ކާމިޔާބު ލިބޭނެ ކަމަށާއި، ކަންކަމުގައި ކުރިހޯދުމަށް އެންމެ މުހިންމީ އެކުގައި މަސައްކަތް ކުރުން ކަމަށެވެ. އެކަން ކޮވިޑް-19ގެ ޕެންޑަމިކުގައި ދުނިޔެއިން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އާންމު މަޖިލީހުން މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަންތަކަކީ މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުން ކަމަށާއި، އެގޮތުން ސަޢޫދީ ސަރުކާރުން އިސްނަގައިގެން, ގަސްއިންދުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާތީ އެކަމަށް ސަޢޫދީ ސަރުކާރަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި ސަޢޫދީން އެ ދައްކުވައިދިނީ ހަނަފަސް ގައުމެއް ކަމުގައިވިޔަސް މިކަންކަން ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ކޮންމެ ބަދަލަކާއެކު އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ދިވެހި ސަރުކާރުންވެސް ކުރަމުން އަންނަ ކަމަށެވެ.
އަންހެނުންގެ ހައްގުތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އަންހެނުންނަކީ ޚާއްސަ ހުނަރުތަކެއް ލިބިފައިވާ ބައެއް ކަމަށެވެ. އެގޮތުން ނުވަ މަސްދުވަހު އެތަކެއް ވޭނާއެކު މަޔަކު އުފުލާ ބުރައަކީ އިހުސާސް ނުކުރެވޭނެ ބުރައެއް ކަމަށެވެ. އެހެންކަމުން މައި މީހާއަށް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށާއި، ހަމައެހެންމެ އަންހެން ދަރިފުޅަށްވެސް އެ އިޙްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު, މިނިސްޓަރ ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓުންނެވެ. މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މިވަނީ ސިއްރު ވޯޓަކުންނެވެ.