ގައިން ގަޔަށްނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ސްޓެޕް ސަރވޭގެ ތެރެއިން 30 ގޭބީސީއަކަށް ޒިޔާރަތްކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މި މިއަހަރު ސަރވޭ ނިންމުމުގެ ގޮތުން، ސަރވޭގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި ސަރވޭއަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށްނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަމްސީލުވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ސަރވޭއެކެވެ.
އެޗްޕީއޭއިން ބުނީ މިއީ އެ އެޖެންސީން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ. މި ސާރވޭ ކުރުމަށް ގުރުއަތުން ނަގާފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ސާރވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތިބޭނީ މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅައިގެން ކަމަށް ބުނެއެވެ. މި ސާރވޭ އަލުން ކުރިޔަށް ގެންދިއުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުމާއި އެހީތެރިކުން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.