ކ. މާލެ
|
18 ސެޕްޓެންބަރ 2021 | ހޮނިހިރު 22:45
އިޓަލީގައި މަރުވި މަޙުމޫދު ޢިމާދު
އިޓަލީގައި މަރުވި މަޙުމޫދު ޢިމާދު
ރާއްޖެއެމްވީ
އިޓަލީގައި ދިވެއްސަކު މަރާލުން
މަޙުމޫދު ޢިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ ދަނީ މަސައްކަތްކުރަމުން
ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށް
އާއިލާގެ ފަރާތުން ބުނީ އޭނާގެ މަރާ ގުޅިގެން އެއްވެސް ބަޔަކަށް ޝައްކުނުކުރާކަމަށް

އިޓަލީގައި މަރުވި, ހދ. ނޮޅިވަރަންފަރު މަޙުމޫދު ޢިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ މަސައްކަތްކުރަމުންދާކަމަށް އާއިލާއިން ބުނެފިއެވެ.

މަޙުމޫދު ޢިމާދަކީ އިޓަލީ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އިޓަލީގައި އޭނާ ދިރިއުޅޭ ގެއިން އޭނާގެ މައިދަތައަށެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމުގެ ވާހަކަތައްވެސް އަންނަނީ ދެކެވެމުންނެވެ. ނަމަވެސް އާއިލާގެ ފަރާތުން ބުނީ މަޙުމޫދު މަރާ ގުޅިގެން އެއްވެސް ބަޔަކަށް ޝައްކުނުކުރާކަމަށެވެ. އަދި އަނިޔާވެރިކޮށް އެއްވެސްކަމެއް ހިނގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބޭކަމަށެވެ.

މިކަމާގުޅިގެން ފޮރިން މިނިސްޓްރީން މިކަންކަން ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާގެ ހަށިގަނޑު ރާއްޖެ ގެނައުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މަޙުމޫދުގެ މަރާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށާއި އޭނާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމެއް ވާނަމަ އެ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

މަޙުމޫދުގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުންގެ އިދާރާއިން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ. އޭނާ މަރުވިއިރު އޭނާގެ އަންހެނުން ހުރީ ރާއްޖޭގައެވެ.

- ކޮމެންޓް