ބާސެލޯނާގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބާސާގެ ކޯޗުގެ މަގާމާ އުމުރުން 58 ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސާގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއުއެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، މި އަހަރުގެ މާޗު މަހު ބާސާގެ އައު ރައީސްގެ މަގާމަށް ޖޮއާން ލަޕޯޓާ ވަނީ އިންތިޚާބުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކޫމަން މަގާމުން ދުރުކުރަން ބާސާ ބޯޑް މެމްބަރުން އަންނަނީ ލަޕޯޓާއަށް ޕްރެޝަރު ކުރަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ބޭއްވި ބޯޑް މެންބަރުންގެ ބައްދަލުވުމެއްގައި ކޫމަން ވަކިކުރަން އެ ބޯޑުގައި ތިބި މެޖޯރިޓީ މެންބަރުން ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެއާއެކު ކޫމަންގެ އޭޖެންޓް ރޮބް ޖެންސަން ވަނީ ނެދަލެންޑްސްގެ ޓީވީ ޝޯއެއްގައި ލަޕޯޓާއަށް ފާޑުކިޔާފައެވެ. ޖެންސަން ބުނީ މީގެ ކުރިން ލަޕޯޓާ އާއި ކޫމަންއާ ދެމެދު ރަނގަޅު ގުޅުމެއް އޮތް ކަމަށާއި، އެކަމަކު މި ސީޒަނުގައި ކޫމަން ބާސާގައި މަޑުކުރުވީ އެ ޓީމުން އައު ކޯޗެއް ހޯދަން ކުރި މަސައްކަތުގައި އެއްވެސް އަލިމަގެއް ނުފެނި ގޮތް ހުސްވެގެން ކަމަށެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި ކުރިއަށްދިޔަ މަޝްވަރާގައި ދެ ތިން ހަފުތާއެއްގެ ތެރޭގައި އައު ކޯޗެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ލަޕޯޓާ އޭނާގެ ގާތުގައި ބުނި ކަމަށްވެސް ޖެންސަން ވަނީ ބުނެފައެވެ.
މި ސީޒަން ނިމުމުން ބާސާއާއެކު ކޫމަން ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ކޫމަން މަގާމުން ވަކިކުރަން ބާސާގެ ބޯޑު މެންބަރުން ހުށަހެޅި ނަމަވެސް، ލަޕޯޓާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެއީ ކޫމަން މިހާރު މަގާމުން ވަކިކޮށްފިނަމަ އެއްބަސްވުމުގެ މުއްދަތަށް އޭނާއަށް މުސާރަ ދޭން ޖެހޭނެތީއެވެ.
ބާސާގައި ކޫމަންގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ލަޕޯޓާ ވަނީ ކޫމަންއަށް އޭނާގެ އިތުބާރު އެބައޮތް ކަމަށް ބުނެފައެވެ. އަދި ކޫމަންވެސް ވަނީ ބާސާގައި އޭނާއަށް މުސްތަގުބަލެއް އެބައޮތް ކަމަށްވެސް ބުނެފައެވެ.
ނަމަވެސް މި ފަހުން ބާސާގެ ކުޅުންތެރިންނާ ދޭތެރޭ ކޫމަން ކަންތައް ކުރާ ގޮތުގެ ސަބަބުން އެ ޓީމުގެ ބައެއް ސަޕޯޓަރުން އަންނަނީ ކޫމަންއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ދާދި ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓަސްއަށް ބަދަލުވި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗްވެސް ވަނީ ކޫމަންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބެސިކްޓަސްއަށް ބަދަލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ޕިޔަނިޗް ބުނީ ބާސާގައި ހޭދަކުރި މުއްދަތުގައި އެ ޓީމުގެ ކޯޗު ކޫމަން އޭނާއާ ދޭތެރޭ ކަންތައް ކުރީ އިހުތިރާމު ކުޑަކޮށް ކަމަށާއި، އެގޮތުން ކޫމަން އޭނާއާ ވާހަކަވެސް ނުދައްކާ ކަމަށެވެ.
މި ފަހަކަށް އައިސް ބާސާގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވީ ނަމަވެސްކޫމަންގެ އިރުޝާދުގެ ދަށުން ބާސާއިން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.