މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަލުން އަނބުރާ ޔުވެންޓަސްއަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.
ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި މިހާރު އުމުރުން 28 އަހަރުގެ ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އެ މުއްދަތުގައި ޕޮގްބާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު އަދި އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ. ޔުނައިޓެޑާއެކު ޕޮގްބާ މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އައު އެއްބަސްވުމަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕޮގްބާގެ އޭޖެންޓް ރައިއޯލާ ބުނީ މި ސީޒަން ނިމުމުން ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، އެކަމާ ގުޅޭ ގޮތުން ޔުނައިޓެޑާއެކު މަޝްވަރާކުރާނެ ކަމަށެވެ. އެކަމަކު ޓިއުރިން އަކީ ޕޮގްބާ ލޯބިވާ ސިޓީއެއް ކަމަށާއި، އެހެންކަމުން ޕޮގްބާ އަލުން އަނބުރާ ޔުވެންޓަސްއަށް ބަދަލުވުމުގެ ފުރުސަތެއް އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު އެކަން އެގޮތަށް ވާނީ ޔުވެންޓަސްގެ ޕްލޭނުގައި ޕޮގްބާ ހިމެނުމުން ކަމަށްވެސް ރައިއޯލާ ވަނީ ބުނެފައެވެ.
މި ސީޒަން ނިމުމުން ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑަށް މަޖުބޫރުވާނެއެވެ. އެއީ ޖެނުއަރީ މަހު އޭނާ ވިއްކާނުލެވިއްޖެނަމަ، އަންނަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕޮގްބާއަށް ކުލަބު ބަދަލުކުރެވޭނެތީއެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ ބަދަލުގައި ރެއާލް މެޑްރިޑުން މިހާރު އަންނަނީ ޖެނުއަރީ މަހު ޕޮގްބާ ގަތުމަށް މަސައްކަތްކުރަމުންނެވެ. ރެއާލުން ބޭނުންނަމަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕޮގްބާއާއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭއިރު، ރެއާލުގެ ވިސްނުން ހުރީ ކުޑަ އަގެއް ދެއްކުމަށްފަހު ޕޮގްބާ ގަތުމަށް ކަމަށާއި، އެގޮތުން ރެއާލުން އޭނާއަށް 17 މިލިޔަން ޔޫރޯ ހުށަހަޅާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ ޖެނުއަރީ މަހުގެ ކުރިން ޕޮގްބާގެ އެއްބަސްވުން އާކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޮގްބާ ޔުނައިޓެޑުގައި މަޑުކުރުވަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އެ ކުލަބުގެ ސަޕޯޓަރުންގެ ކިބައިން އެހީއަށްވެސް އެދިފައެވެ.