މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމުގެ މަގާމާއި ޕާޓީގެ ރައީސް އާއި ނައިބު ރައީސް އަދި އެނޫންވެސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައިވަނީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުގެ 21:00ން ފެށިގެން ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. ނަމަވެސް އެމްއާރުއެމުން ބުނީ މިހާރު މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ ރޭގަނޑު 10 ޖެހުމާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
އެމްއާރުއެމް އިން ބުނީ މިމަގާމުތަކަށް މީހުން ހޮވާނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ބާއްވާ އެޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި ކަމަށެވެ. އެމްއާރުއެމްގެ ނޭޝަނަލް ކޮންވެންޝަންގައި ޕާޓީގެ އިސްމަގާމުތަކާއި ކޮމިޓީތަކަށް އިންތިޚާބުކުރުމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެއެވެ.
މަގާމުތަކަށް ކުރިމަތިލާން އެދޭ މެމްބަރުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގައި ކަނޑައަޅާފައިވަނީ ދެ ޝަރުތެކެވެ. އެއީ އެމްއާރުއެމްގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 30 އަހަރު ފުރިހަމަވެފައިނުވާ މީހަކަށް ވުމެވެ.
މައިގަނޑު 16 މަގާމަކަށް މީހުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޒައީމް ކަމާއި، ޕާޓީގެ ރައީސް އަދި ނައިބު ރައީސް އާއި ޕާޓީގެ އަންހެން ނައިބު ރައީސެވެ. މީގެއިތުރުން އެގްޒެކެޓިވް ކޮމިޓީއަށް ފިރިހެން 10 މެމްބަރުންނާއި އަންހެނުން 10 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރާއިރު ޒުވާނުންގެ ކައުންސިލަށް ފިރިހެން 15 މެމްބަރުންނާއި އަންހެން 15 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަންހެނުންގެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރާއިރު އަންހެނުންގެ ކައުންސިލަށް 20 މެމްބަރުން އިންތިޚާބުކުރާނެއެވެ.
އިންތިޚާބު ކޮމިޓީ އާއި ސުލޫކު ކޮމިޓީ އަދި އިސްތިއުނާފް ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރާއިރު މިއިން ކޮންމެ ކޮމިޓީއަކަށްވެސް 5 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.
މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް އިސްވެ ހުންނަވާ އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. އަދި މިހާރުވެސް ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނަވަނީ ރައީސް މައުމޫނެވެ.