ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި މިހާރު ހިނގަމުންދާ ހާދިސާއާ ގުޅިގެން އެސަރަހައްދަށް އެއްވެ ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަންބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެކަމެއްކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހުކުރު ދުވަހުގެ ރޭ ގެ ވަގުތެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހުވެސް އެތަނުގައި ބަލަހައްޓާ ކުދިންތަކެއް އެތަނުގެ ފުރާޅުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ފިޔަވަތީގެ ކުޑަދޮރުތަކަށް އެކުދިން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފައެވެ. މިކަންކަން ހިނގަމުންދަނިކޮށް ހުކުރު ދުވަހުގެ ރޭ އަލިފާން ރޯކޮށްލި ހާދިސާގައި ފިޔަވަތީގެ މައްސަލަ ވަނީ ހޫނުވެފައެވެ.
މައްސަލަ ހޫނުވެފައިވަނިކޮށް ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާދިސާގައި ހިމެނޭ ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުންފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ވަނީފަށާފައި ކަމަށެވެ. އަދި މިވަތުގުވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަންސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމުރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެސަރަހައްދަށް އެއްވެ ކުދިން އުޅޭގޮތް ނުބެލުމަށާއި އެކަމުގެ ސަބަބުން ކުދިން އިތުރަށް ޓްރިގާ ވާނެކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން، ހުރިހާފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށާއި ޖެންޑަރ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.
އަދި އެދުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު 19/2019އިން ކުދިންނަށް ލިބިދޭ ޙައްޤުތައް ކަށަވަރުކޮށް އެކުދިންގެ ކަރާމާތަށް ގެއްލުންނުވާނެ ގޮތަށް ހުރިހާ ފަރާތްތަކުގެ އަމަލުތައް ބެހެއްޓުން ކަމަށް ވަނީ ބުނެފައެވެ.