ޓެރަރިސްޓެއް ކަމަށް ބުނާ މުޙައްމަދު އަމީނުގެ މައްސަލައިގައި ޤަޟިއްޔާ ނިންމަވާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމާފައިވާއިރު އެ މައްސަލަ އަވަސް ކޮށްދިނުމަށް އެދޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ފޯން އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވީ ހައިކޯޓުން ނިންމެވި މައްސަލާގައި ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ބުނާ އުސޫލުތަކަށް އަމަލު ކުރަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް ޓެރަރިޒަމްގެ ޤާނޫނު އުފެއްދީ ޖިނާއީ އިޖުރާޢަތުގައި ހުރި ޤާނޫނުގެ އުސޫލުތައް ޓެރަރިޒަމްގެ މައްސަލަތަކަށް ހިންގަން ބަލާއިރު އުނދަގޫވާތީވެ ޚާއްސަ ޤާނޫނެއް އުފައްދާފައިވާ ކަމަށާއި ޚާއްސަ ޤާނޫނުގައި އާންމުކޮށް ޤާނޫނުގައި ނުހުންނަ ކަހަލަ ޚާއްސަ ބާރުތަކެއް ފުލުހުންނަށް ވެސް އަދި ޕީޖީ އޮފީހަށް ވެސް، ދައުލަތުގެ އިދާރާތަކަށް ވެސް ދީފައި އެބަހުރި ކަމަށެވެ.
ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި އެއީ ޚާއްސަ ޤާނޫނުން ބާރު ލިބިގެން ކުރަންވާނެ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއަށްފަހު ބަންދުގައި ބަހައްޓާނެ ގޮތް އޮންނަނީ އާންމު އިޖުރާއަތަށް ރުޖޫއަވާން ކަމަށާއި އެހެންނަމަވެސް ހައިކޯޓުން ޓެރަރިޒަމްގެ ޤާނޫނުގައި ބުނާ ކަންތައްތައް ކުރަން ޖެހޭނީ އިޖުރާއަތުގެ ދަށުން ކަމަށް ބުނެފައިވާ ކަމަށެވެ. އެއީ ހިތްހަމަނުޖެހޭ ކަމެއްކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ އިޖުރާޢަތުގެ ޤާނޫނު އޮއްވާ ޓެރަރިޒަމްގެ ޤާނޫނު ހެދީ އެބާވަތުގެ ވަކި މައްސަލަތަކުގައި ވަކި ޚާއްސަ މުއްދަތުތަކެއް ދިނުމަށްޓަކައި ކަމަށެވެ.
އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ދައުވާ ކުރުމުގެ މުއްދަތު އޮންނަނީ 45 ދުވަސް ކަމަށާއި ޓެރަރިޒަމްގެ ޤާނޫނުގައި 75 ދުވަސް ތަހުޤީޤު ކުރަން އަދި 15 ދުވަސް ދީފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ބަންދާއި ދައުވާ ކުރުމުގެ މުއްދަތު އެއްކޮށްލައިގެން ޤާނޫނު ކިޔާފައިވާ ކަމަށް ހީފުޅުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޤާނޫނު ކިޔަން ޖެހޭނީ އެހެން ނޫންކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ ބަންދަކީ ވަކި ކަމެއް ކަމަށާއި ދައުވާ ކުރުމަކީ ވެސް ވަކި ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ދައުވާ ކުރަން ޖެހޭ މުއްދަތުގައި ކަމަށާއި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މައްސަލައިގައި ހިމެނޭ މީހާ އަކީ އިންތިހާއަށް ނުރައްކާތެރި މީހެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި މައްސަލަ އަވަސް ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.