ކޮވިޑް-19 ޕެންޑަމިކް ކޮންޓްރޯލްކުރުމަށް ބައިޑަން ގެންގުޅުއްވާ ސިޔާސަތުތަކަށް ނުރެހޭ މީހުންގެ އަދަދު އިތުރުވެ ބައިޑަންގެ މަގްބޫލުކަން ދުވަހަކުވެސް ދަށަށްނުދާ މިންވަރަށް ދަށަށް ގޮސްފިއެވެ.
ރޮއިޓަރސްއިން އެންމެ ފަހުން ކުރިޔަށް ގެންދިޔަ ޕޯލުގެ ނަތީޖާ ދައްކާގޮތުން ބައިޑަން އޮފީހުގައި ހުންނަވައި ކުރައްވާ މަސައްކަތްތަކަށް ގަބޫލީ 44 އިންސައްތަ މީހުންނެވެ. 50 އިންސައްތަ މީހުންނަށް އެމަސައްކަތްތައް ކަމުނުދާއިރު ބާކީ ތިބި މީހުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއްނުވެއެވެ.
އޮގަސްޓް މަހުގެ މެދެއްހާ ހިސާބުގައި އެމެރިކާއަށް އަފްޣާނިސްތާނުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއާއެކު ބައިޑަން އަށް އެމެރިކާގައި އޮންނަ ތާއީދު ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި އެމެރިކާގައި ބައިޑަން އަށް އޮންނަ ތާއީދު ވަނީ 50 އިންސައްތައިން ދަށުގައެވެ. މީގެއިތުރުން އެމެރިކާގައި އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވެ މަރުވާ މީހުންގެ އަދަދު އިތުރުވަމުންދިޔުމަކީ ވެސް ބައިޑަންގެ މަގްބޫލުކަން ކުޑަވަމުންދާ ސަބަބުތަކެވެ.
މިފަހުން ބައިޑަން ތަޢާރަފްކުރެއްވި ވެކްސިން މަޖުބޫރުކުރުމާއި މާސްކު އެޅުންފަދަ ކަންކަމަށް އެމެރިކާގެ ގިނަ މީހުން ތާއީދުކުރިނަމަވެސް ރިޕަބްލިކަނުން އަންނަނީ އެސިޔާސަތުތަކާ ދެކޮޅު ހަދައި އެސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.
ފާއިތުވި ހަފްތާގެ ޕޯލުގެ ނަތީޖާ ދައްކާގޮތުން ކޮވިޑް-19ން ރައްކާތެރިވުމަށް ބައިޑަން ގެންގުޅުއްވާ ސިޔާސަތުތައް ކަމުދާކަމަށް ބުނާ މީހުންގެ އަދަދު ވަނީ ފުރަތަމަ ފަހަރަށް 50 އިންސައްތައިން ދަށަށް ގޮސްފައެވެ. އެސިޔާސަތުތައް ރަނގަޅުކަމަށް ބުނެފައިވަނީ 48 އިންސައްތަ މީހުންނެވެ. 46 އިންސައްތަ މީހުން ބުނެފައިވަނީ އެފިޔަވަޅުތައް ކަމުނުދާކަމަށެވެ.
ރޮއިޓަރސްގެ މިޕޯލުގައި 1005 މީހުން ވަނީ ބައިވެރިވެފައެވެ. އެއީ 442 ޑިމޮކްރަޓުންނާއި 360 ރިޕަބްލިކަނުންނެވެ.