އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗު ރޭގަނޑު ކުޅޭ ގޮތަށް ބަދަލުކޮށްފިއެވެ.
މީގެ ކުރިން މިދިޔަ އޯގަސްޓް މަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިއުލާންކުރި ޝެޑިއުލްގައިވާ ގޮތުން އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެކަމަކު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ މެޗު ހާއްސަ ކުރުމުގެ ގޮތުން، އެ މެޗު މިހާރު ވަނީ އެ ދުވަހުގެ ރޭގަނޑު ކުޅޭ ގޮތަށް ނިންމާފައެވެ. އެހެންކަމުން އެ ދުވަހުގެ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝްއެވެ.
މިއީ ސާފް ޗެމްޕިއަންޝިޕުގެ ޝެޑިއުލަށް ބަދަލުގެނައި ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އިއުލާންކުރި ޝެޑިއުލްގައިވާ ގޮތުން މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި އޮތީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޝެޑިއުލްގައިވާ ގޮތުން ދެ މެޗު ދެމެދުގައި ބައެއް ގައުމުތަކަށް ލިބެނީ ދެ ދުވަހެވެ.
އެކަމަކު ފީފާ އުސޫލުތަކުގެ ތެރެއަށް ފެއްތުމުގެ ގޮތުން ޝެޑިއުލަށް ބަދަލުގެނައިރު، މިހާރު މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޝެޑިއުލްގައިވާ ގޮތުން މަދުވެގެން ދެ މެޗު ދެމެދުގައި ކޮންމެ ގައުމަކަށްވެސް ތިން ދުވަސް ލިބޭނެއެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕް - ރާއްޖޭގެ މެޗުތައް
- ނޭޕާލް - ރާއްޖެ (1 އޮކްޓޯބަރު - 21:00)
- ރާއްޖެ - ބަންގްލަދޭޝް (7 އޮކްޓޯބަރު - 21:00)
- ރާއްޖެ - ލަންކާ (10 އޮކްޓޯބަރު - 16:00)
- އިންޑިއާ - ރާއްޖެ (13 އޮކްޓޯބަރު - 21:00)
ސާފް ސަރަހައްދުގައި ހަތް ގައުމެއް ހިމެނޭއިރު، ކޮވިޑް-19 އާ ގުޅިގެން ބޫޓާނުން ވަނީ މުބާރާތުގައި ވާދަނުކުރަން ނިންމާފައެވެ. އަދި ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް މި މުބާރާތުގައި ވާދައެއް ނުކުރެވެއެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.