ކ. މާލެ
|
15 ސެޕްޓެންބަރ 2021 | ބުދަ 10:44
ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސައިން އަރީފް
ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސައިން އަރީފް
ރާއްޖެއެމްވީ
އިންތިޤާލީ އިންސާފުގެ މައްސަލަތައް
ސިފައިންގެ އަމުރަށް 14 އަހަރުގައި ޖަލަށް، ކުށެއް ނެތްކަމަށް ކަނޑައެޅުމުން ވެސް ތައުލީމުން މަޙުރޫމު!
 
ހައްޔަރުކުރި އެންމެންގެ މައްޗަށް ކުރީ ރަށުގެ އޮފީސް ރޯކޮށްލި ކަމުގެ ތުހުމަތު
 
ރަށުގެ މަޞްލަޙަތަށްޓަކައި ކަމަށް ބުނެ، މުއްދަތެއް ނެތް ގޮތަށް މުލަކުތޮޅު މުއްޔަށް ފޮނުވާލި
 
މިއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސައިން އަރީފުގެ ޙަޔާތުގެ ސޮފުހާއެއް

އޭރު އޭނާގެ އުމުރުން 14 އަހަރެވެ. ތައުލީމު ޙާސިލު ކުރަމުންދިޔައީ ހދ. ނޮޅިވަރަމް މަދަރުސާގައެވެ. އޭނާއަކީ މުޅި ނޮޅިވަރަމް މަދަރުސާއިން ވެސް ރަން ވަނަތަކެއް ހޯދަމުން އައި މޮޅު، ޤާބިލު ދަރިވަރެކެވެ. ނަމަވެސް ތައުލީމު ޙާސިލުކުރުމަށް ކުރަމުން ދިޔަ މަސައްކަތާއި، އާއިލާއިން ދެކުނު ހުރިހާ ހުވަފެންތަކެއް ވެސް ކަފާސްވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އުމުރުން އެންމެ 14 އަހަރުގައި ފޮތް ފަންސުރުގެ ބަދަލުގައި އަތުގައި އޮތީ ބިޑިއެވެ. ކްލާސްރޫމުގައި އިނދެ ތައުލީމު ހާސިލު ކުރުމުގެ ބަދަލުގައި ޖެހުނީ ޖަލުގެ ތޭރިތަކެއްގެ ފުރަގަހުގައި އޮންނާށެވެ. މުޅި ތައުލީމީ ހަޔާތް ފުނޑުފުނޑުވެގެން ދިޔައީ އާއިލާއާ ދޭތެރޭގައި ބަޔަކު ގެންގުޅުނު ސިޔާސީ ކޯޅުންތަކެއްގެ ނަތީޖާއިން ކަމަށް އޭނާ ބުނެއެވެ. މިއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ހުސައިން އަރީފުގެ ޙަޔާތުގެ ސޮފުހާއެކެވެ.

އެއީ 1984 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހެވެ. ސިފައިންގެ އަމުރަށް އަރީފު ހައްޔަރުކޮށް، ގެންދިޔައީ ގާމާދޫ ޖަލަށެވެ. އޭރު އުމުރުން އެންމެ 14 އަހަރުގެ އަރީފަކީ އޭރު ހައްޔަރު ކޮށްގެން ގެންދިޔަ ސޯޅަވަރަކަށް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. މި އެންމެންގެ މައްޗަށް ކުރީ ރަށުގެ އޮފީސް ރޯކޮށްލި ކަމުގެ ތުހުމަތެވެ. އޭރު އޭނާ މާލެ ގެނެސް ހަތް ދުވަހު ބަނޑޭރިގޭ "މަކުނު ގޮނޑީގައި" ބޭނދުމަށްފަހު، ގާމާދޫ ޖަލަށް ގެންގޮސް ޖަލުގައި 45 ދުވަސް ވަންދެން ބޭނދިއެވެ. އެއަށްފަހު، ގޭބަންދަން މާލެ ގެނެސް ގޭގައި އިތުރު 45 ދުވަހު ބެހެއްޓުމަށްފަހު ސިފައިންގެއަށް ހާޒިރުކޮށް ވަރުގަދަ ތަހުގީގެއް ޖެއްސިއެވެ.

ތަހުގީގުން ހުސައިން އަރީފުގެ އެއްވެސް ކުށެއް ސާބިތުވެފައި ނެތްނަމަވެސް، ރަށުގެ މަޞްލަޙަތަށްޓަކައި ކަމަށް ބުނެ، އޭނާ މުއްދަތެއް ނެތް ގޮތަށް މުލަކުތޮޅު މުއްޔަށް ފޮނުވާލާނެކަން އެންގިއެވެ. މުލީގައި ހުރެގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށާއި ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހިމްއަށް ކޮންމެ މަހަކު އޭނާ ސިޓީއެއް ފޮނުވައެވެ.

އެއަށްފަހު މ. މުލީގައި 7 މަހާ 11 ދުވަހު ބެހެއްޓުމަށްފަހު މާލެ އައުމަށް އަނެއްކާވެސް ސިފައިން އެންގިއެވެ. އޭރު މާލެ ގެނެސްފައި އޭނާއަށް އެންގީ "ހުސައިން އަރީފުގެ ކުށެއް ނެތުމުން މިނިވަންވީ" ކަމަށެވެ. އޭނާގެ ކުށެއް ނެތްކަމާއި، މައުސޫމުކަން ސާބިތުވުމުން ވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫނެވެ. ސަރުކާރުން ތައުލީމަށް ދޭ އިސްކަމުގެ ތެރެއިން މިނިވަން ކޮށްދެއްވައި، ތައުލީމު އުނގެނުމުގެ ފުރުސަތު ދެއްވުން އެދި އާދޭސްކޮށްފައި ފޮނުވާ ސިޓީގެ ޖަވާބު ކޮންމެ ފަހަރަކުވެސް ލިބޭނީ "އަދި ތިޔަގޮތަށް ހަމަޖެހިފައި ނެތް" ކަމަށެވެ.

އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުވީ އޭނާގެ ތައުލީމީ ހަޔާތް މުޅިން ބަރުބާދުކޮށްލި އެއްޗަކަށެވެ. އެ މައްސަލަ ޢުޒުރަކަށް ދައްކާ، އެޑިޔުކޭޝަން މިނިސްޓްރީގެ އެންގުމަށް ރާއްޖޭގެ އެއްވެސް ސްކޫލަކުން އޭނާއަށް ކިޔެވުމުގެ ފުރުޞަތެއް ވެސް ނުދިނެވެ. އެހިސާބުން ވެސް އަރީފުގެ މައިންބަފައިން މަސައްކަތް ކުރީ އޭނާއަށް ތައުލީމު ހޯދޭނެ ގޮތެއް ހޯދޭތޯއެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތުވުމުން އޭނާގެ ބައްޕަ އޭނާ މާލެގެ ސްކޫލަކަށް ވެއްދޭތޯ ވެސް އެތައް ވަރަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެ ދުވަސްވަރުގެ ތަޢުލީމީ ސިޔާސަތު އޮންނަ ގޮތުން އެއްވެސް މައްސަލައެއްގައި ޖަލަށްލައި ފޮނުވާލައިފައިވާ ކުއްޖަކަށް ސްކޫލް ތަކުން ކިޔެވުމުގެ ޖާގަ ދިނުން އޮންނަނީ މުޅިން ނާދިރުކަމަކަށްވެފައެވެ.

ކޮންމެއަކަސް، ތައުލީމުން މަޙުރޫމު ކޮށްލުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބުނު ގެއްލުމުގެ ބަދަލު ދިވެހި ދައުލަތުން ހޯދަން މިއަދު އޭނާ އެދެއެވެ. އޭނާ ވަނީ މި މައްސަލަ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ވެސް މިހާރު ހުށަހަޅުއްވާފައެވެ. 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ދެމެދު ހިނގައިދިޔަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މި އޮފީހަށް އެފަދަ ގިނަ މައްސަލަތަކެއް ހުށައެޅޭނެކަން ޔަގީނެވެ. ދައުލަތްތަކުން އަމަލުކޮށްފައިވާ ގޮތުން އިންސާފު ގެއްލިފައިވާ ރައްޔިތުން މި ޤައުމުގައި ވެސް މަދެއް ނޫނެވެ. މި ކަންކަމަށްވެސް އަވަހަށް އިންސާފު ލިބެން ޖެހެއެވެ. އޮމްބަޑްސްޕަރސަން އޮފީހުގެ ރޯލު އެންމެ ރަނގަޅަށް އަދާކޮށްފިނަމަ، މިފަދަ މައްސަލަތަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު ބޮޑުކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
27%
16%
38%
5%
8%
5%
ކޮމެންޓް
16 ސެޕްޓެންބަރ 2021 | ބުރާސްފަތި 08:39
ޙެރޫ
ކަޑައެޅިގެން ދޮގެއް. މައްސަލަތަކުގަ ބެދިގެން ހުކުމްކޮށްފަ އަރުވާލާފަ ތިބިމީހުން ވެސް ފަހުން ރާއްޖޭގެ އެކި ސްކޫލްތަކުގަ ތައުލީމް ހާސިލްކޮށްފަ އެބަތިބި.