އިންޑިއާގެ ކެރަލާގައި ގަދަމުން އަންހެނެއް ރޭޕް ކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތި ފަރާތް އެ އަންހެން މީހާ ބުރިކޮށްލާފައިވާކަމަށް އިންޑިޔާ ފުލުހުން ބުނެފިއެވެ.
އިންޑިއާ ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ޤާނޫނީ ރޮނގުން ތައުލީމް ހާސިލް ކުރަމުންދިޔަ 23 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ޓްރިވެންޑްރަމްގައި ހުންނަ ގޭގައި ހުއްޓާ އެމީހުންގެ ދީނީ ކަމެއްގެ ތެރެއިންކަމަށްބުނެ 54 އަހަރުގެ ފިރިހެނަކު އޭނާއާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނު ކަމަށެވެ. އެއާއެކު އެ އަންހެން ކުއްޖާ އޭނާގެ ދިފާއުގައި ވަޅިއެއް ނަގާ އެވަޅިން އެފިރިހެން މީހާގެ ކުރިމަތިފަރާތް ބުރިކޮށްލީ ކަމަށް އެސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޖީ ސްޕާރޖަން ކުމާރު ވިދާޅުވިއެވެ. އަދި އެފިރިހެން މީހާއަށް ވަނީ އެސަރަހައްދުގައި ހުންނަ ސަރުކާރު ހޮސްޕިޓަލަކުން ސީރިއަސް ހާލަތުގައި ފަރުވާ ދޭން ފަށާފައެވެ.
އެޤައުމުގެ ބައެއް މީޑިޔާތަކުން ބުނާ ގޮތުގައި ކުއްލި ފަރުވާއަށްފަހު މިހާރު އެ ފިރިހެން މީހާގެ ހާލު އާދައިގެ ހާލަތެއްގައިވާކަމަށެވެ.
އެ އަންހެން ކުއްޖާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅި މިހާއާ ހަވާލާދީ އެޤައުމުގެ ފުލުހުން ބުނީ އެ އަންހެން ކުއްޖާއަށް އެ ފިރިހެން މީހާ އެކިގޮތްގޮތުން ޖިންސީ ގޯނާ ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި މިހާރު ވަނީ އޭނާ ރޭޕް ކުރަން އުޅުނު ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ.
ފުލުހުން ބުނީ އެކުއްޖާގެ އާއިލާގެ މީހުންވެސް ދިރިއުޅެނީ ހަމައެގޭގައި ކަމަށާއި ނަމަވެސް އޭނާގެ ހަޤީގަތެއް އެމީހުންނަށް އެނގިފައި ނުވާކަމަށެވެ.
"އެކުއްޖާ ބުނީ އާއިލާ މީހުންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށާއި އެމީހުން އެފިރިހެން މީހާއަށް ވަރަށް ބޮޑަށް އިތުބާރު ކުރާކަމަށް. އެކިއެކި ޚާއްޞަ ހަފްލާތަކަށް އެކުއްޖާއަށް ދައުވަތު ދީގެން ގެންދާކަމަށް. އެގެއަށްވެސް އައިސް އުޅޭ." އެކުއްޖާގެ ފަރާތުން މައްސަލަ ހުށަހެޅި މީހާ ބުންޏެވެ.
މިހާރު އެކުއްޖާ ހުރީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުގައެވެ. އަދި އޭނާއަށް ދަނީ އެކަމާ ގުޅޭގޮތުން ކައުންސެލިން ދެމުންނެވެ.