ކ. މާލެ
|
14 ސެޕްޓެންބަރ 2021 | އަންގާރަ 13:58
މި ބިލަށް ގާނޫނީ ހައިސިއްޔަތު ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި 19 ގަވާއިދެއް ހަދައި ގެޒެޓް ކުރަން ޖެހޭ
މި ބިލަށް ގާނޫނީ ހައިސިއްޔަތު ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި 19 ގަވާއިދެއް ހަދައި ގެޒެޓް ކުރަން ޖެހޭ
ރާއްޖެއެމްވީ
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
ކާބޯތަކެތި ޓެސްޓްކުރުމަށް ލެބޯޓްރީއެއް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ބިލު ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް
 
މާރކެޓްގައި މިހާރު ހުރި ފޭކް ޕްރޮޑަކްޓްތައް ވިއްކުމަށް ހައްލެއް ލިބިގެންދާނެ
 
ކާބޯތަކެތި އުފައްދައިގެން ވިއްކުމުގައި ހުންނަންޖެހޭ މިންގަނޑުތައް ބިލުގައި ހިމަނާފައިވޭ

ކާބޯތަކެތި ޓެސްޓްކުރުމަށް ލެބޯޓްރީއެއް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބިލު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫންއެވެ. ކޮމިޓީއަށް ފޮނުވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރުކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދައި، ގުދަންކޮށް، ތައްޔާރުކޮށް، ވިއްކާ ތަންތަނުގައި ކާބޯތަކެއްޗަކީ، އިންސާނުން ޞިއްޙީގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށް ބިލު ހުށަހެޅުއްވި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވިއެވެ.

މި ބިލަށް ގާނޫނީ ހައިސިއްޔަތު ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި 19 ގަވާއިދެއް ހަދައި ގެޒެޓް ކުރަން ޖެހެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތި އުފައްދާއިރު ކައުންސިލްތަކަށް ރައްޔިތުން ހޭލުންތެރި ކުރުމާއެކު ކައުންސިލްތަކަށް ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކައުންސިލްތަކަށްވަނީ ލާޒިމްކޮށްފައެވެ.

ކާބޯތަކެތި އުފެއްދުމުގެ މަރުހަލާގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި އުފައްދައިގެން ވިއްކުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ކާބޯތަކެތި އުފައްދާ މީހާގެ ހުންނަންޖެހޭ މިންގަނޑުތައް ވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓުކުރުމަށާއި، ކާބޯތަކެތި އުފައްދާ ތަންތަނާއި، ނުވަތަ ބަންދުކުރާ ތަންތަނާއި، ނުވަތަ ގުދަންކުރާ ތަންތަނާއި، ވިއްކާތަންތަނާއި، ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގެ ޞިއްޙީ ރައްކާތެރިކަން ބެލުމަށާއި ތަޙްލީލުތައް ކުރުމަށް ނޭޝަނަލް ހެލްތު ލެބޯރަޓަރީއެއް ޤާއިމުކުރަންވާނެކަމަަށް ބިލުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހުރި ލެބޯޓްރީއަކުން ޓެސްޓް ނުހެދޭނަމަ ރާއްޖެއިން ބޭރުން ޓެސްޓް ހެދުމުގެ ފުރުސަތު ވެސް ފަހި ކޮށްދޭން ޖެހޭ ކަމަށް ބިލުގައި ވެއެވެ. މެމްބަރުން ވިދާޅުވީ، މި ބިލަކީ މިހާލަތަށް މުހިއްމު ބިލެއް ކަމަށެވެ. މި ބިލު ގާނޫނަކަށްވެ ތަންފީޒު ކުރަން ފެށުމުން، މާރކެޓްގައި މިހާރު ހުރި ފޭކް ޕްރޮޑަކްޓްތައް ވިއްކުމަށް ހައްލެއް ލިބިގެންދާނެކަން މެމްބަރުން ފާހަގަކުރައްވާފައިވެއެވެެ. ރާއްޖޭގެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗަކީ ކޮލިޓީ ތަކެއްޗަށް ހެދުމަށް ފުރުސަތު ފަހިވެގެންދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް