ކ. މާލެ
|
14 ސެޕްޓެންބަރ 2021 | އަންގާރަ 13:31
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އެޗްއާރްސީއެމްގެ މެމްބަރު
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ސަމާއު އައްޔަންކުރަން ފާސްކޮށްފި
 
އިންޓަރވިއު ކުރެވުނު 9 ފަރާތުގެ ތެރެއިން ތަޅުމަށް ފޮނުވަން ފާސްވީ ގދ. ތިނަދޫ/ އަސޭގެ އަލްއުސްތާޛް ސަމާއު އަޙުމަދު ނަޖީބުގެ ނަން
 
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 14 ބޭފުޅުންނަކީ ވެސް އެމަގާމަށް އިންޓަރވިއު ކުރުމުގެ ޝަރުތު ފުރިހަމަވާ ފަރާތްތައް
 
ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުން

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް މެމްބަރުކަމަށް ސަމާއު އަހުމަދު ނަޖީބު، އަސޭގެ/ގދ. ތިނަދޫ، އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފިއެެވެ.

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މީހަކު ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްއަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް 14 ނަމެއް ފޮނުއްވާފައެވެ. މިނަންތައް ފޮނުވާފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. ނަންތައް ދިރާސާކުރުމުގެ މަސައްކަތްކޮށްފައިވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.

ނަންތައް ދިރާސާކުރުމުގެ މަސައްކަތަށްފަހު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓްގައިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 14 ބޭފުޅުންނަކީ ވެސް އެމަގާމަށް އިންޓަރވިއުކުރުމުގެ ޝަރުތު ފުރިހަމަވާ ފަރާތްތައްކަމަށް ހުށަހަޅާފައިވާތީ, އެފަރާތްތަކާ އިންޓަރވިއުކުރުމަށް ކޮމިޓީން ނިންމިކަމަށެވެ. ނަމަވެސް ކޮމިޓީން އިންޓަރވިއު ކުރުމަށް ނިންމި ފަރާތްތަކުގެ ތެރެއިން 3 ފަރާތެއް އިންޓަރވިއުއަށް ދައުވަތު ދިނުމުން އިންޓަރވިއުއަށް ހާޒިރުވާން ބޭނުންނުވާކަމަށް އަންގާފައިވާތީ އެތިން ފަރާތާ އިންޓަރވިއުކޮށްފައި ނުވާކަމަށެވެ. އަދި އިންޓަރވިއުކުރުމަށް ބޭއްވި ބައްދަލުވުންތަކަށް ހާޒިރުވި 9 ފަރާތަކާ ކޮމިޓީން އިންޓަރވިއުކޮށްފައި ވާނެކަމަށެވެ.

އެފަރާތްތަކާ ވަކިވަކިން އިންޓަރވިއުރކުރުމަށްފަހު, އެޗްއާރުސީއެމްއަށް އައްޔަނުކުރުމަށް ރުހުންދިނުމާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނެގުމުން ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓު ހަމަވާ އަދަދަށް, އިންޓަރވިއު ކުރެވުނު 9 ފަރާތުގެ ތެރެއިން ތަޅުމަށް ފޮނުވަން ފާސްވީ ގދ. ތިނަދޫ/ އަސޭގެ އަލްއުސްތާޛް ސަމާއު އަޙުމަދު ނަޖީބުގެ ނަން އެކައްޏެވެ.

ރިޕޯޓްގައި ބުނެފައިވަނީ ކޮމިޓީން އިންޓަރވިއުކުރި ގިނަ ފަރާތްތަކަކީ އެކި ދާއިރާތަކުން ތައުލީމް ހާސިލުކޮށްފައިވާ ފަރާތްތައް ކަމުގައިވީނަމަވެސް އިންޓަރވިއުގައި ކޮމިޓީން ކޮށްފައިވާ ގިނަ ސުވާލުތަކަށް އިންސާނީ ހައްގުތަކުގެ ނަޒަރުން އެންމެ ފުރިހަމައަށް ޖަވާބު ދެވިފައިނުވާކަމާއި, ރާއްޖޭގެ މުޖުތަމައުގައި ހުރި އިންސާނީ ހައްގުތަކާގުޅޭ މައްސަލަތައް ހައްލުކުރާނެ ގޮތް ފުރިހަމައަށް ބުނެދެވިފައިނުވާކަން ފާހަގަކުރެވޭކަމަށެވެ. އަދި ކޮމިޓީން އިންޓަރވިއުކުރި ބައެއް ފަރާތްތަކަށް އެޗްއާރުސީއެމްގެ މެންޑޭޓާއި އެހެނިހެން އިދާރާތަކުގެ މެންޑޭޓާ ފުށުއަރާ ހާލަތްތަކުގައި މައްސަލަ ހައްލުކުރާނެ ގޮތް ސަމާއު އަޙުމަދު ނަޖީބާ އެއްފެންވަރަށް ބުނެދެވިފައި ނުވާކަމަށާއި, އިންސާނީ ހައްގުތަކުގެ ބައިނަލްއަޤްވާމީ ނިޒާމާއި ބައިނަލްއަޤްވާމީ އުސޫލުތަކަށް އޭނާއާ އެއްމިންވަރަށް އަހުލުވެރިވެފައި ނުވާކަން ވެސް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ އާމިނަތު ޝަފާޢަތު ޢަބްދުއްރައްޒާޤާއި މުއުމިނާ ވަޙީދާއި ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ އަދި މަރިޔަމް މުނާ އެވެ. އެޗްއާރުސީއެމްގައި 5 މެމްބަރުން ތިއްބަވަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް