ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަޙީދު ބަޔަކަށް ޖިންސީ ގޯނާ ކޮށްފާނެކަން ގަބޫލުކުރަން ވަރަށް ދަތިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ހޯމަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި، ޢާލީ ވަޙީދު ޖޭޕީގެ ރައީސްކަމުން ވަކިކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޤާސިމް ވިދާޅުވީ ޢަލީ ވަޙީދު ވަޒީފާއިން ވަކިކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޢަލީ ވަޙީދުގެ މައްޗަށް ޝަރީއަތް ސާބިތު ނުވާނެ ކަމަށާއި، އޭނާ އަންހެން ކުދިންތަކެއް ރޭޕްކޮށްފާނެ ކަމަށް ގަބޫލުކުރަން ވަރަށް އުނދަގޫ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމްކުރަން ކުރާ ތުހުމަތުތަކެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ކަމެއް ކޮށްފައި ހުރެދާނެ ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުންވެސް މިއީ އޭނާ ފްރޭމްކުރަން ކޮށްފައިވާ ކަމެއްކަން ވަރަށް ބޮޑަށް އެނގޭ ކަމަށެވެ. ޕާސްޕޯޓާ ގުޅިގެން ކަން ހިނގައި ގޮސްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި، ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ކެންސަލްވެފައި އޮތް އެއްޗެއް ކަމަށާއި، މިއަދު ދައުވާ އެ ކުރަނީ ކެންސަލް ވެފައި އޮތް އެއްޗެއް ކެންސަލްކުރަން ކަމަށެވެ. މިއީ ވަރަށް ދެރަކޮށް ދާ ކަމެއް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
މިހާރު ކަންތައް ވަމުންދާގޮތުން ޢަލީ ވަޙީދުގެ މައްސަލަ ނިމިގެންދާއިރު އޭނާގެ ބޮލުގައި އެއްވެސް އިލްޒާމެއް އެޅުވޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވިއިރު، އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދާއިރު, އޭނާ ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އެ މައްސަލަ ފެންމަތިވުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސްވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ ރާއްޖެއަށް އެނބުރި ވަޑައިގެންފައެއް ނުވެއެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.
އޭގެ އިތުރުން، ވިސާ އޯވަރ ސްޓޭވެގެން އެގައުމުގެ ގާނޫނާ ހިލާފުވީ މައްސަލައިގައި ޢަލީ ވަޙީދު ހައްޔަރުކޮށް ޑިޓެންޝަންގައި ބަހައްޓާފައިވެއެވެ. އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ސުޕްރީމް ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވާ 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ މާލެ ގެނައުމަށް ކަރެކްޝަންގެ މައްޗަށް އަންގާފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީއެވެ.