އުތުރު ކޮރެޔާއިން ސްޓްރެޓީޖިކް ކްރޫޒް މިސައިލެއް ކާމިޔާބުކަމާއިއެކު ޓެސްޓުކޮށްފިއެވެ.
އުތުރު ކޮރެޔާގެ ރަސްމީ ނޫސް އެޖެންސީން ބުނީ އެގައުމުގެ ސިފައިން ޓެސްޓުކުރީ މެދުރާސްތާގެ ސްޓްރެޓީޖިކް ކްރޫޒް މިސައިލެއް ކަމަށެވެ. މި މިސައިލަކީ ނިއުކްލިއާ ވޯހެޑް ހަރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.
ރިޕޯޓްތައް ބުނާގޮތުން އުތުރު ކޮރެޔާއިން ޓެސްޓު ކޮށްފައިވަނީ ނިއުކްލިޔާ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ދޮޅުހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލެކެވެ.
އުތުރު ކޮރެޔާއަކީ ނިއުކުލިޔާ ހަތިޔާރާއި ދުރުރާސްތާގެ ބެލިސްޓިކް މިސައިލްގެ ގާބިލްކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމެރިކާގެ އިންޓެލިޖެންސުން ބުނާ ގޮތުންނަމަ އެގައުމުގައި 80ށް ވުރެ ގިނަ ނިއުކްލިޔާ ވޯހެޑް އެބަހުއްޓެވެ.
އުތުރުކޮރެއާގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އަވަށްޓެރި ދެގައުމު ކަމަށްވާ ޖަޕާނާއި ދެކުނުކޮރެއާ އަދި އެމެރިކާވެސް ބޭނުންވަނީ އުތުރުކޮރެއާއަށް އިގްތިސާދީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލާގޮތަށް އުތުރުކޮރެއާއިން ނިއުކުލިޔާ ހަތިޔާރު އުފެއްދުން ހުއްޓާލައި އެގައުމުގައި ހުރި ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުމަށެވެ.