ސްކޫލްތަކުގެ 35,000 އަށް ވުރެ ގިނަ ދަރިވަރުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ސްކޫލް ކުދިންނަށް ޖަހަނީ ފައިޒަރ ވެކްސިނެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 35،152 ދަރިވަރަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. 214 ސްކޫލެއްގެ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖާހަފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ ތެރެއިން 11،653 ދަރިވަރަކު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެއީ 88 ސްކޫލެއްގެ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު 128,700 ޑޯޒް ފައިޒަރ ވެކްސިނާއެކުއެވެ. މި ޕްރޮގްރާމުގެ ދަށުން 40،000 ދަރިވަރުން ވެކްސިން ޖަހާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ސްކޫލްތަކުގައި ވެކްސިން ޕްރޮގްރާމް ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބެލެނިވެރިން މިކަމަށް ހޭލުންތެރި ކުރުވުމަށް ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަން ޔަގީންކޮށްފައިވެއެވެ.
މިހާރު ވަނީ އިތުރު ކެޓަގަރީތަކަކަށް ވެކްސިން ދޭން ފަށާފައެވެ. އެއީ ދިފާއީ ނިޒާމު ދަށް މީހުންނާއި، މާބަނޑު މީހުންގެ އިތުރުން މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނެވެ.
މިގޮތުން އާންމުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން 388،776 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 319،080 މީހުންނެވެ.
ވެކްސިން ނުޖަހާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ސަރުކާރުން ގެންދަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ބައެއް ލުއިތައްވެސް ދެމުންނެވެ. އެގޮތުން ދަތުރުފަތުރުކުރުމުގައި ލުއިތައް ދިނުމާއި، ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ނުދޭން ވަނީ ނިންމާފައެވެ.