ކޮވިޑް-19 އާ ގުޅިގެން ކުޑަ ކުރި، މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ 80 އިންސައްތަ ބޮޑުކުރަން ނިންމާފައިވާކަން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.
ކޮވިޑް19 އާ ގުޅިގެން ކުޑަކުރި، މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ކުރިން ހުރިވަރަށް އަލުން އިއާދަ ނުކޮށްދީގެން ކުރަމުން އައި އިހްތިޖާޖް ނިމުމަކަށް ގެނެސް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހާއެކު އާދިއްތަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސެޕްޓެމްބަރު މަހު ފެށިގެން 80 އިންސައްތައަށް މުސާރަ ބޮޑުކޮށްދޭނެ ކަމަށާއި، އަހަރު ނިމޭއިރު 100 އިންސައްތަ މުސާރަ ދޭނެ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންފައިވާއިރު, އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖޭގެ ޕައިލެޓުން ވަޒީފާއިން ވަކިނުކޮށް، ޕައިލެޓުންގެ ވަޒީފާ ދެމެހެއްޓުމަށާއި މުސާރަ ހިފެއްޓުމަށް 200 މިލިއަނެއްހާ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޕައިލެޓުން ވަނީ ކޮވިޑުގެ ހާލަތުގައި ސަރުކާރަށާއި ކުންފުނިތަކަށް ދަތިތައް ދިމާވާނެކަން ފާހަގަކޮށް، ކޮވިޑުގެ އެންމެ ދަތި ހާލަތުގައި ވެސް މުސާރައިގެ ވަކި ޕަސަންޓެއް ނުނަގަން އަމިއްލައަށް ޕައިލެޓުން ނިންމިކަން ފާހަގަކޮށްފައެވެ. އަދި އެއަރލައިންއާއެކު މަސައްކަތް ކުރިއަށް ގެންދަން ތިބި ކަމަށާއި ކޮވިޑުގެ ހާލަތުގައި ދިވެހި އެއްވެސް ޕައިލެޓަކު ވަޒީފާއިން ވަކިނުކޮށް، ކުރިއަށް ދިޔުމުން ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕައިލެޓުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ހިދުމަތެއްކަމުގައި ދެކިގެން ކޮވިޑްގެ ހާލަތުގައި ވެސް މީހުން އެކި ތަންތަނަށް އުފުލުމާއި، ވެކްސިން އަދި މެޑިކަލް އިކުއިޕްމެންޓްފަދަ ތަކެތި އުފުލުމުގައި ވެސް ޕައިލެޓުން ހަރަކާތްތެރިވުމުން އެކަމަށް ވެސް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕައިލެޓުން އިތުރަށް ފާހަގަކުރި ކަންތައްތަކަށް ހައްލު ހޯއްދަވައިދެއްވާނަކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޕައިލެޓުންގެ އިހްތިޖާޖާ ގުޅިގެން އައިލެންޑް އޭވިއޭޝަނުގެ ވެރިންވަނީ ޕައިލެޓުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެފަރާތްތަކާ މީގެކުރިން ބައްދަލުކޮށް ޕައިލެޓުންގެ ޝަކުވާތައް އަޑުއަހާފައެވެ. އަދި މުސާރައިގެ މައްސަލަ ހައްލުނުވެ ދިގުލައިގެންދިޔައީ ކޮވިޑް19 އާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.