ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން އާދިއްތަ ދުވަހު ކުރި ޙުކުމަކީ، އަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށްބުނެ ހައިކޯޓަށް ހުށައެޅި މައްސަލައިގެ ޙުކުމެވެ. އެގޮތުން މި މައްސަލައިގައި ހިފަހައްޓަން އެދިފައިވަނީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދުގެ އަތުގައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމަށާއި، އެއީ މިހާރު ކެންސަލްކޮށްފައިވާ ޕާސްޕޯޓެއްކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު، އެ ހިފަހައްޓަން އަމުރު ނެރެގެން ނުކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށް ވެސް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލަ ޕީޖީން ހައި ކޯޓަށް ހުށަހެޅުމުން ހައިކޯޓުން ފުރަތަމަ ނިންމީ އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހައިކޯޓުގެ ރެޖިސްޓްރާރގެ އެ ނިންމުން ރިވިއުކޮށްދޭން 10 އޮގަސްޓްވީ އަންގާރަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަނެއްކާވެސް އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅުމުން، މި މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން އޭރު އެންގީއެވެ.
އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުރި އިރު، އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދާއިރު އަލީ ވަހީދު ހުރީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އެ މައްސަލަ ފެންމަތިވުމާ އެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސްވެ، ޝަރީއަތް ފެށުނު އިރު ވެސް އަލީ ވަހީދު ރާއްޖެއަށް އެނބުރި އައިސްފައެއް ނުވެއެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.
އޭގެ އިތުރުން، ވިސާ އޯވަރ ސްޓޭވެގެން އެގައުމުގެ ގާނޫނާ ހިލާވު މައްސަލައިގައި އަލީ ވަހީދު ހައްޔަރުކޮށް ޑިޓެންޝަންގައި ބަހައްޓާފައިވެއެވެ. އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ސުޕްރީމް ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވާ 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ މާލެ ގެނައުމަށް ކަރެކްޝަންގެ މައްޗަށް އަންގާފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީއެވެ.